ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން މިދިޔަ އަހަރު ދޭންޖެހޭ ބޯނަސް މުވައްޒަފުންނަށް ނުދިނުމަކީ ސަރުކާރު ލަދު ގަންނަންޖެހޭ ކަމެއް ކަމަށް އިދިކޮޅުން ބުނެފި އެވެ.
އެކުންފުނިން އާންމުކޮށް އަމަލުކުރާގޮތުން މިދިޔަ އަހަރު އެކުންފުނީގެ މުވައްޒަފުންނަށް ދޭންޖެހޭނީ 2019 ވަނަ އަހަރުގެ އަހަރީ ބޯނަސްއެވެ.
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުން ދަތި އުނދަގޫ ހާލަތެއްގައި ތިބިއިރު، 2019 ވަނަ އަހަރުގެ ބޯނަސް ނުދީ ހިފެހެއްޓިފައި ވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސި ވިލާތުގެ ގޯޑަން އެންޑްރޫ ސްޓުވަޓް ހަމަޖެއްސުމާ ގުޅޭގޮތުންވެސް ޝުޖާއު ވަނީ ފާޑު ވިދާޅުވެފައެވެ.
"ދޮން މީހުން ލައިގެން ހާލަތު އިތުރަށް ވީ ގޯސް"
– ޝުޖާއު
ޝުޖާއު ވިދާޅުވީ، އެމްއޭސީއެލްގެ ތާރިހުގައި އެންމެ ބޮޑު އަދަދަކަށް މުވައްޒަފުންނަށް ބޯނަސް ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ކަމަށެވެ. އަދި އޭރު ބޯނަސް ދީފައިވަނީ ހުރިހާ މުވައްޒަފުންނަށް ހަމަ ހަމަކޮށް، އިންސާފުވެރިކަމާއެކު ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 2018 ވަނަ އަހަރީ ބޯނަސްގެ ގޮތުގައި 7،879.79 ރުފިޔާ ދިނެވެ.
ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން އިކޮނޯމިކް ބޫމްއެއް، އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް މީގެ ކުރިން ވިދާޅުވި ވިދާޅުވުމަށްވެސް ޝުޖާއު ވަނީ ފާޑުވިދާޅުވެފައެވެ.
"ބޫމް އާއެކު ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވާތީ މި ފެންނަނީ. މީކޮންކަހަލަ ބޫމް އެއް"
– ޝުޖާއު
ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، އެމްއޭސީއެލްގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ. އަދި އެމްއޭސީއެލްއަށް ލިބޭ އާމްދަނީ ބޮޑުތަން ދަށްވެ، ބެންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގަން ނިންމާފައިވާކަންވެސް ރައްޔިތުން މަޖިލީހުގެއެސްއޯއީ ކޮމެޓީގައި، އެމްއޭސީއެލްގެ އޭރުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވަނީ ވިދާޅުވެފައެވެ.
އެމްއޭސީއެލް ފާހަގަވެފައި ވަނީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މީގެކުރިން މުވައްޒަފުންނަށް އެންމެ ބޮޑު އަދަދަކަށް ބޯނަސް ލިބޭ އެއް ކުންފުނީގެ ގޮތުގައެވެ.