ޣައްޒާގެ ރައްޔިތުންގެ ދުވަސްތައް ވަނީ ނުހަނު ހިތާމަވެރި ހާލަތަކަށް ބަދަލުވެފައެވެ. މީސްމީޑިއާތަކުން ފެންނަނީ ގޮތް ހުސްވެފައިވާ މީހުންނާއި، ލެއިން ފޯވެފައިވާ ހަށިތަކާއި، ބިމާ ހަމަވެފައިވާ އިމާރާތްތަކެވެ. ކާނެ އެއްޗެއް ނުލިބި، ބަނޑަށް މަރުވަމުންދާ މީހުންގެ ވާހަކަ އިވެމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަޔަކު ވަނީ އަމިއްލައަށް އިސްނަގައިގެން ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް ދަތުރު ފަށާފައެވެ.
"ޣައްޒާ ފްރީޑަމް ފްލޮޓިއްލާ" ނަމުގައި 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި، މިފަހަރު 50އަށް ވުރެ ގިނަ އުޅަނދު ބައިވެރިވެއެވެ. މި ދަތުރުގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ އިބްރާހިމް ޝާޒް (ބޮޑޭ) އެވެ. އޭނާ އަރައިހުރި އޮބްޒާވާ ބޯޓަކީ، އެހެން ބޯޓުތަކުގެ ރައްކާތެރިކަމަށް ހަރަކާތްތެރިވާ ބޯޓެކެވެ.
އިސްރާއީލުން 90ގެ އަހަރުތަކުން ފެށިގެން ޣައްޒާ ވަނީ ބަންދު ކޮށްފައެވެ. 2007ގައި ހަމާސްގެ ވެރިކަން ފެށުމާއެކު މުޅި ސަރަހައްދު ވަނީ ޖަލަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން، ކަނޑު މަގުން އެހީ ގެންދާ މި ހަރަކާތުގައި ބައިވެރިވާ އުޅަނދުތަކަށް އިސްރާއީލުން ހަމަލާދީ، މީހުން ހައްޔަރުކޮށްފައިވާ ތާރީޚެއް ވެސް ވެއެވެ. ނަމަވެސް އެފަދަ ބިރުދެއްކުމަކުން އިންސާނިއްޔަތުގެ މި ހަރަކާތް ހުއްޓިފައެއް ނުވެއެވެ.
ތޫނިސްގެ ގަމާތް ޕޯޓުން ފެށި މި ދަތުރުގައި ޝާޒްމެންނަށް ކުރިމަތިވީ އެތައް ގޮންޖެހުމެކެވެ. ފުރަތަމަ ރޭ ވެސް ހޭލެވުނީ ޕެޓްރޯލް ލީކުވެގެންނެވެ. ކަނޑު ގަދަވުމުން ދަތުރުވެރީންނަށް ނިންޖެއް ނުލިބުނު ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ޝާޒް ބުނެފައި ވެއެވެ. މިމަހުގެ 20 ވަނަ ދުވަހު އިޓަލީގެ ޕޯޓޮޕަލޯގައި މަޑުކޮށްގެން ޕެޓްރޯލް އަޅާފައި އޮތް އިރު، ރޭގަނޑު ޝައްކުކުރެވޭ ބަޔަކު ބޯޓު ކައިރިމަތީގައި އުޅެފައިވާ ކަމަށް އޭނާ ހާމަކުރިއެވެ.
"ދަންވަރު ހަމަ އެއްކޮށް މުޅި ރޭ ދޮށި އެއްލައިގެން މަހެއް ނުބާނާ ދެމީހަކު ތިބި. ދެ ކާރު މަޑުކޮށްލާ ބޯޓު ތެރެއަށް ބަލާލާ. ހޭލާ ތިބިކަން އެނގުނީމަ ނައްޓާލަނީ،" ދަތުރާބެހޭ މައުލޫމާތު އާންމޔ ކުރަމުން ޝާޒް ވިދާޅުވެފައި ވެއެވެ.
ބުރާސްފަތި ދުވަހު ގްރީސްއާ ދިމާލަށް ހަތަރު ބޯޓާއެކު ދަތުރު ފެށި ނަމަވެސް، ކޮޅިގަނޑެއް ޖެހުމުން ތިން ބޯޓަށް މައްސަލަ ދިމާވިއެވެ. އަނެއް ދުވަހު ބާކީ އޮތް ބޯޓަށް ވެސް މައްސަލަ ޖެހުމުން، ޝާޒްމެން ތަނުން ދަތުރު ކުރީ އެކަނިއެވެ.
ގްރީސްގައި ވެސް ދިމާވީ އިތުރު ގޮންޖެހުންތަކެކެވެ. ބަނދަރުން ޕެޓްރޯލް އަޅައިދޭން އެއްބަސްވީ ބޯޓުގައި އިން ޓޭންކަށް އެކަންޏެވެ. އެހެންނަމަވެސް، މިހާރު ވަނީ ފްލޮޓިއްލާގެ އެހެން ބޯޓުތަކާ ގުޅި، ހުރިހާ އުޅަނދުތައް އެކުގައި ޣައްޒާއާ ދިމާލަށް ދަތުރު ފަށާފައެވެ.
މި ދަތުރުގެ ތަޖުރިބާތައް ޝާޒް އަންނަނީ ކޮންމެ ދުވަހަކު މީސްމީޑިއާގެ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ހިއްސާކުރަމުންނެވެ. އޭނާ ބުނި ގޮތުގައި މިކަމުގައި މުހިންމީ ޣައްޒާގެ ހިޞާރު ނައްތާލައި، އެ ސަރަހައްދުގެ ރައްޔިތުންނަށް އެހީތެރިވުމެވެ.
ނުރައްކާތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުން މިންޖުކޮށްދިނުމަށް މި ބޭފުޅުން ކުރައްވާ މަސައްކަތަކީ، އިންސާނިއްޔަތުކަމުގެ މިސާލެކެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ މުޅި ފްލޮޓިއްލާގައި ބައިވެރިވާ ހުރިހާ އެންމެންގެ ވެސް އުންމީދު ކަމަށް ޝާޒް ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ