ޗައިނާގެ 79 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި މާލޭގައި ހުންނަ ޗައިނާ އެމްބަސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ޗައިނާއިން އަދާކުރަމުން އަންނަ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމުގެ އަސާސަކީ ހަމައެކަނި އެއްބަސްވުންތަކާއި ކޮންކްރީޓް އިމާރާތްތަކެއް ނޫނެވެ. އެއީ ޒަމާންތަކެއް ވަންދެން ދެމިއޮތް ރަހުމަތްތެރިކަމާއި އެއް ތަސައްވުރެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެކެވެ.
ސިނަމާލެ ބުރިޖާއި، އާބާދުވެފައިވާ ބޯހިޔާވަހިކަމުގެ ޔުނިޓްތަކާއި، ތައުލީމީ މަރުކަޒުތަކާއި، ކޮންމެ އަހަރަކު ރާއްޖެ ޒިޔާރަތްކުރާ ޗައިނާ ސަޔާހުންގެ ބޮޑު އަދަދަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހުރި ވަރުގަދަ ގުޅުމުގެ ހެކި ކަމުގައި ރައީސް ވިދާޅުވި އެވެ.
މޫސުމީ ބަދަލު ފަދަ ގްލޯބަލް ގޮންޖެހުންތަކުން އަރައިގަތުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތުގައި ބޭނުންވަނީ އެއް އަމާޒަކަށް އެއްބާރުލުން ދޭ ޕާޓްނަރުން ކަމަށް ރައީސް ވިދާޅުވި އެވެ. ދެމެހެއްޓެނިވި ތަރައްގީ އާއި ހަމަހަމަކަން ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް ޗައިނާއިން އަބަދުމެ ދޭ އެއްބާރުލުން ރައީސް ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ.
ކުދި ގައުމުތަކަށް ދުނިޔޭގައި ޖާގަ ލިބޭނެ ގޮތް ހެދުމަށް ޗައިނާއިން ކުރާ ވަކާލާތަށް ރައީސް ތައުރީފު ކުރައްވައި، ކުރިއަށް އޮތް ތަނުގައި ސިޔާސީ، އިގްތިސާދީ، ތައުލީމީ އަދި އެހެނިހެން ދާއިރާތަކުން ޗައިނާއާ ގުޅުން ބަދަހިކޮށް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ކޮމެންޓު ފޮނުވާ