ގއ.އަތޮޅު ކައުންސިލުން ދުބާއީ ދަތުރަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

ގއ.އަތޮޅު ކައުންސިލުން ދުބާއީ ދަތުރަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

Author
ހުސައިން
30 ސެޕްޓެމްބަރ 2025 08:00
0

ގއ.އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމުގެ ނަމުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ކުރި ދަތުރަކަށް 500،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި ގއ.އަތޮޅު ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ކައުންސިލުން ދުބާއީއަށް ކުރި ދަތުރުގައި 10 މެންބަރުން ބައިވެރިވި އެވެ. މި ދަތުރަށް ޖުމްލަ 564،917 ރުފިޔާ ހަރަދުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ރިޕޯޓުން ދައްކާ ގޮތުގައި، ދަތުރުގެ ހަރަދުގެ އެންމެ ބޮޑު ބައެއް ހިނގާފައިވަނީ ދުބާއީގައި ތިބުމާއި ކާބޯތަކެތީގެ ޚަރަދަށެވެ. މިކަމަށް އެކަނިވެސް 443،633 ރުފިޔާ ހަރަދުވެފައިވެ އެވެ. މީގެ އިތުރުން ޕޮކެޓް މަނީގެ ގޮތުގައި 43،947 ރުފިޔާ ދޫކޮށްފައިވާއިރު، ފްލައިޓް ޓިކެޓަށް 66،306 ރުފިޔާ ހަރަދުވެފައިވެ އެވެ. ހަމަ އެއާއެކު ބިލުތައް ނެތި އިންސިޑެންޝަލް ޚަރަދުގެ ގޮތުގައި 11،043 ރުފިޔާ ވެސް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުން ދައްކައެވެ.

ކައުންސިލުން އޮޑިޓަށް ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، މި ދަތުރަކީ ޔޫއޭއީގައި ލޯކަލް ކައުންސިލްތައް ހިންގާ ގޮތް ދިރާސާކޮށް ތަޖުރިބާ ހާސިލުކުރުމުގެ މަޤްޞަދުގައި ކުރި ދަތުރެއް ކަމަށެވެ. ދަތުރުގައި ދުބާއީގެ މުނިސިޕަލް ކައުންސިލްތަކަށް ޒިޔާރަތްކޮށް، އަލަށް އާބާދުކުރަމުންދާ ސަރަހައްދުތައް ބަލާލާފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ގއ.އަތޮޅު ކައުންސިލަށް ދީފައިވާ ލަފާއަކީ، މިފަދަ ދަތުރުތަކަށް ކުރިޔަށް އޮތްތަނުގައި ސްޕޮންސަރުން ހޯދައިގެން ހަރަދުކުރުމަށެވެ. މިއީ ކައުންސިލްގެ ބަޖެޓަށް ލިބޭ ބުރަ ކުޑަކޮށް، ފައިސާ ބޭނުންކުރުމުގައި ޒިންމާދާރުކަން އިތުރުކުރުމަށް ދީފައިވާ މުހިންމު ލަފާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.