ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގައިންގަޔަށް ނާރާ ބަލިތަކަށް 24,773 މީހަކު ސްކްރީން ކޮށްފިއެވެ.
މި ސްކްރީނިންގ ޕްރޮގްރާމުން ލިބުނު ނަތީޖާތަކުން ފާހަގަވާ ގޮތުގައި، ސްކްރީން ކުރި މީހުންގެ ތެރެއިން 4,461 މީހަކު ލޭމައްޗަށް ދާ މައްސަލަ ހުރިކަން ދެނެގަނެވިފައިވެއެވެ. މިއީ ސްކްރީން ކުރި ޖުމްލަ އަދަދުގެ ގާތްގަނޑަކަށް 18 ޕަސެންޓަށް ވުރެ ގިނަ މީހުންނެވެ.
އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން، މިދިޔަ ޖުލައި މަހުގެ ނިޔަލަށް 11 އަތޮޅެއްގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކޮށްފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ. ތަމްރީނު ލިބިފައިވާ އަތޮޅުތަކުގެ ތެރޭގައި ހއ. ފުވައްމުލައް، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅު ހިމެނެއެވެ. ދެން ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނު ޕްރޮގްރާމްތައް އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާކަމަށް އެޖެންސީން ބުންޏެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ސިއްހީ ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ. ޚާއްސަގޮތެއްގައި ކެންސަރު، ކިޑްނީގެ ބައްޔާއި ހިތުގެ ބަލިތަކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން އަންނަކަން ފެންނަމުންދެއެވެ. މިފަދަ ބަލިތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތް 84 އިންސައްތައަށް އަރާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ ބަލިތައް ފުރަތަމަ މަރުހަލާގައި ދެނެގަނެ، ވަގުތުން ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މި ޚިދުމަތުގެ ތެރޭގައި 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ ސިއްހީ މަޢުލޫމާތު ނޯޓުކުރުމާއި، ސިއްހީ މުވައްޒަފުން ގޭގެއަށް ޒިޔާރަތްކޮށް ބޭނުންވާ ސިއްހީ އިރުޝާދުތައް ދިނުން ހިމެނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާގެ ވާހަކައިގައި، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމަކީ ރައްޔިތުންނާ އެންމެ ގާތުން، ހަމަހަމަކަމާއެކު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ ކާމިޔާބު އަދި އިތުބާރުކުރެވޭ ގޮތްކަމަށް ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ