ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްސަލާގައި އެމްޑީޕީން ދެކޭގޮތް ހާމަކޮށްފި

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްސަލާގައި އެމްޑީޕީން ދެކޭގޮތް ހާމަކޮށްފި

Author
އަހުމަދު
29 ސެޕްޓެމްބަރ 2025 07:40
0

ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާފައިވާ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އަމަލުކުރެއްވީ ގާނޫނާ އެއްގޮތަށް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ. އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގާނޫނީ ޓީމުގެ މެންބަރު ވަކީލު އަހްމަދު މައުރޫފް ވިދާޅުވީ، މި މައްސަލައިގައި ސައީދު އަމަލުކުރައްވާފައިވަނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ.

ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކުށުގެ ދައުވާ ސައީދުގެ މައްޗަށް ކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ.

މައުރޫފް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ ސައީދު މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވުމުގެ ކުރިން ސޮއިކޮށްފައި އޮތް އެއްބަސްވުމެއްގެ ދަށުން ރިޓެއިނާ ބޭސިސްގައި މަސައްކަތް ހަވާލުކުރާތާ ދިގު މުއްދަތެއް ވެފައިވާއިރު، ބްލޭޒަން ކުންފުނިން ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކުރަމުން ދިޔަ މައްސަލައެކެވެ. ރިޓެއިނާ ބޭސިސްގައި ހަވާލުކުރާ މަސައްކަތްތަކަކީ މަސައްކަތް ކުރިއަސް ނުކުރިއަސް މަހުން މަހަށް އަގު ދޭން ޖެހޭ ގޮތަށް ވެވޭ އެއްބަސްވުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު މަގާމާ ހަވާލުވުމަށްފަހު ނުނިމި ހުރި މައްސަލަތައް ނިންމުމަށްޓަކައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ލެވެލްގައި މަޝްވަރާކުރެވުނު ކަމަށާއި، ޚާއްސަކޮށް ލީގަލް ޑިޕާޓްމަންޓްގެ ލަފާ ހޯދައިގެން ކުރިއަށް ގެންދެވުނު ކަމަށް މައުރޫފް ވިދާޅުވިއެވެ. ފެނަކައިގެ ލީގަލް ޑިޕާޓްމަންޓުން ދިން ލަފާގައި ބުނެފައިވަނީ ބްލޭޒަން ކުންފުނިން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްފިނަމަ ފެނަކައިން ބޮޑު އަދަދެއް ދައްކަން ޖެހިދާނެ ކަމަށް ކަމަށާއި، އެހެންކަމުން ސެޓްލްމަންޓް އެގްރީމެންޓަކާ އެކީ ކުރިއަށް ދިއުމުން ފެނަކައަށް ފައިދާވާނެ ކަމަށެވެ.

ބްލޭޒަން ކުންފުނިން ފެނަކައަށް ދައުވާކުރާނެ ކަމަށް ބުނި އަދަދު ކުޑަކުރުމަށްފަހު އިތުރު 17 މަސް ދުވަހު އެ ކުންފުނިން ފެނަކައަށް މަސައްކަތްކޮށްދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓްގައި ސޮއިކޮށްފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކަން ހިނގިގޮތަށް ބަލާއިރު މިއީ ސައީދުގެ ސީދާ ނިންމެވުމެއް ނޫން ކަމަށާއި، ކުންފުނީގެ ލީގަލް ޑިޕާޓްމަންޓްގެ ލަފާގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށެވެ.

ސައީދުގެ މައްސަލައިގެ ޝަރީއަތް ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ކުރިއަށް ގެންދިޔަ ކަމަށާއި، ކްރިމިނަލް ކޯޓުގައި އެތައް މައްސަލައެއް ފުނިޖެހިފައި ހުރިއިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވާފައިވާ އެތައް މައްސަލައެއް ކުރިއަށް ނުދާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. އެމްޑީޕީން ގަބޫލުކުރީ މި މައްސަލައަކީ ބޮޑު ބުރަދަނެއް ނެތް މައްސަލައެއް ކަމަށް ދެކި، ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާނެ ކަމަށް ކަމަށާއި، ނަމަވެސް ކްރިމިނަލް ކޯޓުން އެއަށްވުރެ ބޮޑު ހުކުމެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފް ފާހަގަކުރެއްވީ އޮކްޓޫބަރު 3 ގައި އެމްޑީޕީން "ލޫޓުވައިފި" ނަމުގައި ބާއްވަން ނިންމާފައިވާ އެއްވުމަށް ސަރުކާރުގެ ފަރާތުން ހުރަސް އަޅަމުންދާ ކަމަށެވެ. އެ އެއްވުން އިއުލާނުކުރި ހިސާބުން ފެށިގެން މިކަން ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.