ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަނީ

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަނީ

Author
ޙަސަން މުޙައްމަދު
29 ސެޕްޓެމްބަރ 2025 08:23
0

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ. މި ހުކުމް ކޮށްފައިވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވުމުންނެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބްލޭޒަން އިންކުން މަސައްކަތް ފުރިހަމަ ނުކޮށް ހުރިނަމަވެސް، މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ދޫކޮށް، ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި މި އަމަލުގެ ސަބަބުން ފެނަކައަށް 848,000 ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ.

ސައީދުގެ ގާނޫނީ ވަކީލު ނޫރުލް ސަލާމް "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ބްލޭޒަންއާއެކު އެއްބަސްވުން ހެދިފައިވަނީ ސައީދު މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިންނެވެ. އޭނާ މަގާމާ ހަވާލުވިއިރު ދެ ކުންފުނީގެ ދެމެދުގައި މުއާމަލާތްތަކެއް ހިނގަމުންދިޔުމުން، އެކަމާ ގުޅޭގޮތުން ގާނޫނީ ލަފާ ހޯދާފައިވާ ކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

ވަކީލު އިތުރަށް ވިދާޅުވި ގޮތުގައި، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ ފެނަކައިން ދޭންޖެހޭ ފައިސާގެ އަދަދު އިތުރުވެދާނެ ކަމަށް އޭރުގެ ފެނަކައިގެ ވަކީލުން ލަފާދިންކަމަށާއި، އެ ލަފާގެ މައްޗަށް ބިނާކޮށް ސެޓެލްމަންޓް އެއްބަސްވުމަކަށް ދިއުމަށް ސައީދު ނިންމި ކަމަށެވެ. މި ސެޓެލްމަންޓް އެއްބަސްވުމުގައި ކުރީގެ އެއްބަސްވުމުގައިވާ އަދަދަށްވުރެ ކުޑަ އަދަދެއް ދިނުމަށް ހަމަޖެހުނު ކަމަށާއި، އިތުރަށް ބްލޭޒަންއިން މަސައްކަތްތަކެއް ކުރަންޖެހޭ ގޮތަށް ވެސް އެއްބަސްވުން ހަމަޖެހުނު ކަމަށް ނޫރުލް ސަލާމް ވިދާޅުވިއެވެ.

މި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވަކީލު ވިދާޅުވެ، ސައީދުގެ މައްޗަށް ކަނޑައެޅިފައިވާ އަދަބަކީ ދައުލަތުން އެދުނު އަދަބަށްވުރެ ވެސް ބޮޑު އަދަބެއް ކަމަށް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައީދުގެ މައްޗަށް ހިޔާނާތުގެ އިތުރު މައްސަލައެއްގައި ވެސް ދައުވާ އުފުލާފައިވެއެވެ. މި ދައުވާ އުފުލާފައިވަނީ ލ.މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް، އެ ކުންފުންޏަށް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.