އާޓިފިޝަލް އިންޓެލިޖެންސް (އެއައި) ބައިނަލްއަޤްވާމީ ފެންވަރުގައި ޒިންމާދާރު ގޮތެއްގައި ތަންފީޒުކުރުމަށް އ.ދ ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ގޮވާލާއިފިއެވެ. އިއްޔެ ބޭއްވުނު ހައި ލެވެލް އޯޕަން ޑިބޭޓް އޮން އާޓިފިޝަލް އިންޓެލިޖެންސް އެންޑް އިންޓަނޭޝަނަލް ޕީސް އެންޑް ސެކިއުރިޓީގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ތަގުރީރު ކުރައްވަމުން، އެއައި ގެ ބޭނުން ހިފުމުގައި ހުރި ފުރުސަތުތަކާއި ނުރައްކާތަކުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ.
ފޮރިން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެއައި އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް ބަދަލުތައް ގެނެސްދޭ މުހިންމު ކަމެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން މައުލޫމާތު ޕްރޮސެސްކުރުމުގެ ގާބިލިއްޔަތު އެންމެ ކުދި ޤައުމުތަކަށް ވެސް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ތައުލީމީ ފުރުސަތުތައް ފުޅާކުރުމާއި، ސިއްހީ ޚިދުމަތްތައް ރަނގަޅުކުރުމާއި، އިގްތިސާދީ ކުރިއެރުން ހޯދުމުގައި އެއައި ގެ މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ޓެކްނޮލޮޖީގެ ނާޖާއިޒު ބޭނުން ހިފުމުގެ ނުރައްކާތަކާ މެދު ސަމާލުވުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި ސަރވައިލެންސް ކުރުމާއި، އަނިޔާވެރި ބޭނުންތަކަށް އެއައި ބޭނުންކުރުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމަކީ ބައިނަލްއަޤްވާމީ މުޖުތަމައު ކަންބޮޑުވާންޖެހޭ ކަންކަން ކަމުގައި ދެއްކެވިއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އެއައި އަކީ ދެމިއޮތުމާއި ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއްކަމަށް ވިދާޅުވި މިނިސްޓަރު، ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ "މޯލްޑިވްސް 2.0″ ގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މި ސްޓްރެޓެޖީގައި އީޖާދީ ފިކުރާއި ތަރައްޤީގެ މައިގަނޑު ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތެއް ދޭކަން ފާހަގަކުރެއްވިއެވެ.
އ.ދ ގެ މެންބަރު ޤައުމުތަކަށް ގޮވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެއައި އަކީ ޞުލްޙަވެރިކަމާއި ޢަދުލުވެރިކަމާއި އިންސާނީ ކަރާމާތް ކުރިއެރުވުމަށް ބޭނުންކުރެވޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. ބައިނަލްއަޤްވާމީ އެއްބާރުލުމާއި ޒިންމާދާރު ގަވަނަންސް މެދުވެރިކޮށް އެއައި ގެ ފައިދާތައް އެންމެންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީ މިހާރުގެ ޒަމާނުގެ އެންމެ މުހިންމު ޗެލެންޖުތަކުގެ ތެރެއިން އެއް ޗެލެންޖު ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ