ފެމިލީ ކޯޓުގެ ގާޒީ މަގާމަށް މީހަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފިއެވެ. މިމަހުގެ 17 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ހުޅުވާލި މި ފުރުސަތު އާދީއްތަ ދުވަހުގެ މެންދުރު 12:00 ގައި ނިމޭނެއެވެ.
އަލުން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. ނަމަވެސް ކުރިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ ކަމަށް ޖޭއެސްސީން ވަނީ އަންގާފައެވެ.
ގާޒީކަމުގެ މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީއާ، ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާ ދެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
މި މަގާމަށް ހޮވޭ ފަރާތަށް މަހަކު 37,700 ރުފިޔާގެ އަސާސީ މުސާރައާއެކު ދިރިއުޅުމުގެ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ ލިބޭނެއެވެ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ލިބޭނެއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުސޫލެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
ފެމިލީ ކޯޓުގެ މި މަގާމު ހުސްވީ، އެ ކޯޓުގެ އިސްގާޒީ އިބްރާހީމް މާހިރު ހައިކޯޓުގެ ގާޒީކަމަށް މިއަދު އައްޔަންކުރުމުންނެވެ. މާހިރުގެ ބަދަލުގައި ފެމިލީ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ގާޒީ އަބްދުﷲ މުހައްމަދާއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ބަދަލުތައް އިއުލާނުކޮށްފައެވެ.
ފެމިލީ ކޯޓަކީ ރާއްޖޭގެ އާއިލީ މައްސަލަތަކާއި ކައިވެނި، ވަރި، ޚަރަދު އަދި ކުޑަކުދިންގެ ބެލެހެއްޓުމާ ގުޅޭ މައްސަލަތައް ބަލާ މުހިންމު ކޯޓެކެވެ. މި ކޯޓުގައި އެކި ގާޒީންގެ ދަށުން އެތައް ސަތޭކަ މައްސަލަތަކެއް ކުރިއަށްދާއިރު، އިތުރު ގާޒީއެއް ހޯދުމަކީ ކޯޓުގެ މަސައްކަތްތައް ހަލުވިކުރުމަށް މުހިންމު ކަމެކެވެ.
ކޮމެންޓު ފޮނުވާ