ތައިރޮއިޑް ބަލިތަކަށް ބޭނުންކުރާ ތައިރަނޯމް 25 މައިކްރޯގްރާމް ބޭސް ލިބުމުގައި ދަތި ވާކަމަށް ބުނާ ވާހަކައަށް އާސަންދަ ކުންފުނިން ޖަވާބު ދީފިއެވެ. މި ބޭހަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރުކުރާ ބޭހެއް ކަމަށް އެ ކުންފުނިން އިއްޔެ ވިދާޅުވެފައި ވެއެވެ.
ޑޮކްޓަރ އަބްދުލް އަޒީޒް ހަމީދު ސޯޝަލް މީޑިއާގައި ފާޅުކުރެއްވި ކަންބޮޑުވުމަކަށް ރައްދުދެއްވަމުން އާސަންދައިން ބުނީ، އެ ބޭސް އާސަންދައިގެ ދަށުން ނުލިބޭނަމަ ޝިކާވަތި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށެވެ.
ޑޮކްޓަރ އަޒީޒް ފާޅުކުރެއްވި ގޮތުގައި، 6 އަހަރުގެ ކުއްޖަކަށް ބޭނުންވާ މި ބޭސް އެސްޓީއޯގެ ހެންވޭރު ފާމަސީގައި ނެތުމުން މާލޭގެ އޭޑީކޭ ހޮސްޕިޓަލު ކައިރި ފާމަސީތަކުން ހޯދަން ބެލިއިރު، އަގުތައް ތަފާތުވެ، ބައެއް ތަންތަނުން އާސަންދައިން ކަވަރުނުކުރާ ކަމަށް ބުނެފައި ވެއެވެ.
ފުރަތަމަ ފާމަސީއަކުން މި ބޭސް ވިއްކަމުން ދިޔައީ 90 ރުފިޔާއަށް ކަމަށާއި، އާސަންދައިން ކަވަރުނުކުރާ ކަމަށް އެތަނުން ބުނި ކަމަށް ޑޮކްޓަރ އަޒީޒް ވިދާޅުވިއެވެ. 120 ގުޅަ ހިމެނޭ ފުޅިއެއް އެހެން ފާމަސީއަކުން 195 ރުފިޔާއަށް ލިބެން ހުރިއިރު، އަނެއް ފާމަސީން 240 ރުފިޔާއަށް ވިއްކަމުން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ތަންތަނުން ވެސް އާސަންދައިން ކަވަރުނުކުރާ ކަމަށް ބުނެފައިވާ ކަމަށް ޑޮކްޓަރ އަޒީޒް ވިދާޅުވިއެވެ.
ޑައުންސިންޑްރޯމް، އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް ގަވާއިދުން ދޭންޖެހޭ މުހިންމު ބޭހެއް ކަމުގައި ތައިރަނޯމް 25 މައިކްރޯގްރާމް ވާއިރު، އެ ބޭސް ލިބުމުގައި ދަތިވުމަކީ ބެލެނިވެރިންނަށް ކަންބޮޑުވުމެއް ކަމުގައި ވެފައި ވެއެވެ.
އާސަންދައިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ތައިރަނޯމް 25 މައިކްރޯގްރާމަކީ އާސަންދަ ސްކީމުގެ ތެރެއިން ފޯރުކޮށްދޭ ބޭހެއް ކަމަށާއި، ގިނަ ބޭސް ފިހާރަތަކަކުން މިއަދު ވެސް އާސަންދައިގެ ދަށުން އެ ބޭސް ދޫކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އާސަންދަ ސްކީމުގެ ދަށުން ލިބެންޖެހޭ ބޭސްތައް އެގޮތަށް ނުލިބޭނަމަ، ބޭސް ފިހާރައިގެ މައުލޫމާތާ އެކު ޝިކާވަތި ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކޮށްދިނުމަށް އާސަންދައިން ވަނީ އިލްތިމާސް ކޮށްފައެވެ. މިފަދަ މައްސަލަތައް ރިޕޯޓުކުރުމުން އެކަމެއް ބެލުމަށްފަހު، ފިޔަވަޅު އެޅޭނެ ކަމަށް އާސަންދައިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ