ދިވެހި ދަރިވަރުންނަށް ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމުގެ އާ ފުރުޞަތުތަކެއް ލިބޭ ފަހުމުނާމާއެއްގައި ދިވެހިރާއްޖެއާއި ހަންގޭރީއާ ދެމެދު ސޮއި ކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އިސް ބޭފުޅުންގެ ބައްދަލުވުންތަކުގެ ތެރޭގައި ނިއުޔޯކްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
ސްޓައިޕެންޑިއަމް ހަންގޭރިކަމް 2025-2027 ފަހުމުނާމާގައި ދިވެހިރާއްޖެއިން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ކަމަށާއި، ހަންގޭރީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާރޓޯ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މި އެއްބަސްވުމުގެ ދަށުން 2025 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރަކު 25 ދިވެހި ދަރިވަރުންނަށް ހަންގޭރީގެ ޔުނިވަރސިޓީތަކުގައި ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މި ސްކޮލަރޝިޕް ފުރުޞަތުތަކުގެ ތެރޭގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ކޯސްތައް ހިމެނެއެވެ.
ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމަކީ ހަންގޭރީ ސަރުކާރުން ބައިނަލްއަޤްވާމީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކޮށްފައިވާ ތައުލީމީ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ދަރިވަރުންނަށް ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މީގެ އިތުރުން ދަރިވަރުންނަށް ޔޫރަޕްގެ ތަޖުރިބާ ލިބިގަތުމާއެކު، އެންމެ މަތީ ފެންވަރުގެ ތައުލީމީ ސެޓްފިކެޓްތައް ހާސިލުކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތުވެސް މި ޕްރޮގްރާމުގެ ތެރެއިން ލިބޭނެއެވެ.
ދިވެހި ދަރިވަރުންނަށް ހަންގޭރީގައި ކިޔެވުމުގެ މި އާ ފުރުޞަތަކީ ދެ ޤައުމުގެ ގުޅުން ބަދަހިވެ، ތައުލީމީ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ. މި ފަހުމުނާމާއާއެކު އަންނަ ތިން އަހަރު ދުވަހުގެ ތެރޭގައި 75 ދިވެހި ދަރިވަރުންނަށް ޔޫރަޕްގެ ފެންވަރު ރަނގަޅު ތައުލީމެއް ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ