ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9.6 ޕަސެންޓް އިތުރުވެއްޖެއެވެ. މި އަހަރު މިހާތަނަށް ރާއްޖެއަށް 1.58 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 1.44 މިލިއަންގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާ ގައުމުތަކުގެ ތެރޭގައި ޗައިނާ އެންމެ ކުރިއަށް އޮތް އިރު، މި އަހަރުގެ މިހާތަނަށް ޗައިނާއިން 252,384 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށްވާ އިރު، އެ ގައުމުން 192,220 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އިނގިރޭސިވިލާތުން 141,874 ފަތުރުވެރިން ޒިޔާރަތްކޮށް ތިންވަނަ އަށް އޮތް އިރު، އިޓަލީއިން 110,433 ފަތުރުވެރިންނާއި ޖަރުމަނުން 110,388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
އިންޑިއާއިން މި އަހަރުގެ މިހާތަނަށް 91,328 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެމެރިކާއިން 46,322 ފަތުރުވެރިންނާއި ފްރާންސުން 42,484 ފަތުރުވެރިން އަދި ސްޕެއިނުން 37,895 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އޮސްޓްރޭލިއާއިން 29,527 ފަތުރުވެރިން ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގެ ލިސްޓު ފުރިހަމަކުރެ އެވެ. މި 10 ގައުމުން މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.5 ޕަސެންޓް ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ގެސްޓްހައުސްތަކުގައި 21.8 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރި އިރު، ހޮޓާތަކުގައި 2.6 ޕަސެންޓާއި ސަފާރީ އުޅަނދުތަކުގައި 2.1 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.
މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދިނުމަށް 174 ރިސޯޓާއި 919 ގެސްޓްހައުސް ހިންގަމުން ދާ އިރު، އޭގެ އިތުރުން 161 ސަފާރީ އުޅަނދާއި 16 ހޮޓާ ވެސް ހިންގަމުން ދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ