ވ. ކެޔޮދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަތަރު ބުރީގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް މިއަދު އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. ގާތްގަނޑަކަށް 200 ދަރިވަރުން ތަޢުލީމު ހާސިލުކުރާ މި ސްކޫލަށް އާ އިމާރާތެއް އެޅުމަށް ވެފައިވާ އެއްބަސްވުމުގައި ސޮއިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައުދީއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކެޔޮދޫ ސްކޫލުގެ ކްލާސްރޫމްތައް ވަރަށް އަވަހަށް އޭސީ ކުރާނެ ކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްފަހުގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައި ކްލާސްރޫމްތަކާއި ސްޓާފްރޫމްތައް އޭސީ ކުރުމަށް އިސްކަންދީފައިވާ ކަމަށާއި، އަންނަ އަހަރުން ފެށިގެން މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގައި ސްކޫލުގެ ހޯލްތައް ވެސް އޭސީ ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ކެޔޮދޫގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، އަންނަ އަހަރު އެރަށުގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގަތެވެ.
މި ޖަލްސާގައި ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ވަނީ ހަވާލުކޮށްފައެވެ. މިއީ ކެޔޮދޫގެ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ބައެކެވެ.
ކޮމެންޓު ފޮނުވާ