ހދ. ހަނިމާދޫ ގައި ޢިމާރާތް ކޮށްފައިވާ 70 ހައުސިންގ ޔުނިޓް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ކަނޑައެޅުމުގައި އެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކޮށްފައި ނުވާއިރު، އެގެތަކުގެ ވެރިންނަށް ބަދަލު ދިނުމުގައި ދޫކޮށްފައިވާ ފައިސާ ޚަރަދު ކޮށްފައިވަނީ ދައުލަށް ގެއްލުންވަ ގޮތަށް ކަމުގައި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލާފައިވާ ހައުސިން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހދ. ހަނިމާދޫ ގައި އިމްރާތް ކޮށްފައިވާ 70 ހައުސިންގ ޔުނިޓު އިމާރާތް ކުރުމަށްފަހު ހަވާލު ކުރަންޖެހޭ ފަރާތްތަކާއި ހަވާލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، އެފަރާތްތަކާއި ހައުސިންގ ޔުނިޓްތައް ހަވާލުކުރިއިރު ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އެތަންތަން ލިބުނު ފަރާތްތަކަށް ފައިސާ ދިނުމަށް ކަނޑައަޅައި، ކޮންމެ ހައުސިންގ ޔުނިޓަކަށް 32,000 (ތިރީސް ދެ ހާސް އެއް ސަތޭކަ) ރުފިޔާގެ ރޭޓުން ފައިސާ ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
ނަމަވެސް މި ޢަދަދު ކަނޑައެޅުމުގައި މިނިސްޓްރީ އިން އެ ހައުސިންގ ޔުނިޓް ތަކަށް ލިބިފައިވާ ގެއްލުންތައް ވަޒަން ކޮށްފައި ނުވާކަމާއި، ކޮންމެ ހައުސިންގ ޔުނިޓަކަށް 32,000 (ތިރީސް ދެ ހާސް އެއް ސަތޭކަ) ރުފިޔާ ދިނުމަށް ކަނޑައަޅާފައިވަނީ ކޮން އުސޫލަކުންކަން އެނގެން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
އެހެން ކަމުން މި 70 ހައުސިންގ ޔުނިޓްގެ މަރާމާތަށް ޚަރަދުވާނެ ފައިސާ އަންދާޒާ ކޮށްފައިވަނީ އެންމެ އެކަށީގެންވާގޮތަށް ކަމާއި، މި ހައުސިންގ ޔުނިޓްތަކުގެ މަރާމާތުގެ ގޮތުގައި މިނިސްޓްރީން ދޫކޮށްފައިވާ ޖުމްލަ 2,247,000 (ދެމިލިއަން ދުއިސައްތަ ސާޅީސް ހަތް ހާސް) ރުފިޔާ ދޫކޮށްފައިވަނީ ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައިކަން ކަށަވަރު ކުރެވެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 6.23 (ށ) ގައި ބަޔާން ކޮށްފައިވާ ގޮތަށް ޚާއްޞަ އެހީގެ ފައިސާ ހޯދުމަށް ހުށަހަޅާއިރު، އެ ފައިސާ ހޯދުމަށް ބޭނުންވާ ކަމަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ހިމެނުމަށް ހައުސިން މިނިސްޓްރީއަށް ދަންނަވަމެވެ. މި ފަދަ ޚަރަދުތައް ކުރުމުގެ ކުރިން އެކަން ރަނގަޅަށް ދިރާސާ ކުރުމަށާއި، ހިނގާނެ ޚަރަދު ފުރިހަމައަށް ވަޒަން ކުރުމަށް ދަންނަވައި، އަދި ކަމާއި ގުޅޭ ލިޔެކިޔުން ފުރިހަމައަށް ބެލެހެއްޓުމަށްވެސް ވަނީ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ