ހުޅުމާލޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

ހުޅުމާލޭ ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފި

Author
ޙަސަން މުޙައްމަދު
19 ސެޕްޓެމްބަރ 2025 11:34
0

ހުޅުމާލޭ ފޭސް 1 އާއި ފޭސް 2 ގުޅުވައިދޭ ޗެނަލް ސަރަޙައްދުގައި އެންމެހައި އިންޖީނުލީ އުޅަނދުތައް ދުއްވުން މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި، މި ފިޔަވަޅު އެޅުމަށް ނިންމީ އެ ސަރަޙައްދުގައި މޫދަށް އަރައި ކުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، މުރަކަ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޗެނަލް ސަރަޙައްދަކީ ކުޑަކުދިން އަދި ބޮޑެތި މީހުން ހިމެނޭގޮތުން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމާއި މުނިފޫހިފިލުވުމަށް ބޭނުންކުރާ ތަނެއްކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.

50 މީޓަރުގެ ފުޅާމިނާއި 1.85 މީޓަރުގެ ފުންމިން ހުންނަ މި ޗެނަލަކީ އޮއިދެމޭ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަމާއި، މޫދަށް އެރުމުގެ އިތުރުން މަސްބޭނުމާއި އެކި އެކްސްކަރޝަން ހަރަކާތްތަކަށް ރައްޔިތުން އާންމުކޮށް ބޭނުންކުރަމުން އަންނަ މުހިންމު ސަރަޙައްދެއް ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ސަރަޙައްދަކީ އެޗްޑީސީން ތިމާވެށި ޙިމާޔަތްކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މުރަކަ އިންދައި އާލާކުރުމަށް ޚާއްޞަކޮށްފައިވާ ތަނެއް ކަމުގައިވެސް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

2023 ވަނަ އަހަރުވެސް އެޗްޑީސީން މި ޗެނަލްގައި އިންޖީނުލީ އުޅަނދު ދުއްވުމާމެދު އެންގުމެއް ދީފައިވާ ކަމާއި، އެ ވަގުތު ޖެޓްސްކީ ފިޔަވައި އެހެން އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާކުރި ނަމަވެސް، މިފަހަރު ވަނީ ހުރިހާ ބާވަތެއްގެ އިންޖީނުލީ އުޅަނދު ދުއްވުން ހުއްޓުވާލުމަށް ނިންމާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.