އިސްރާއީލުގެ ހަމަލާއިން ސަލާމަތްވި ހަމާސް ލީޑަރު ޣާޒީ، ނުރައްކާތެރި ހަމަލާއިން ސަލާމަތްވި ގޮތުގެ ވާހަކަ!

އިސްރާއީލުގެ ހަމަލާއިން ސަލާމަތްވި ހަމާސް ލީޑަރު ޣާޒީ، ނުރައްކާތެރި ހަމަލާއިން ސަލާމަތްވި ގޮތުގެ ވާހަކަ!

ގުޅުންހުރި

ގަތަރުގެ ވެރިރަށް ދޯހާގައި ހަމާސްގެ އިސް އޮފިޝަލުންނަށް އިސްރާއީލުން ދިން ހަމަލާގެ ތެރެއިން ސަލާމަތްވެވަޑައިގަތް ހަމާސްގެ ސީނިއަރ ލީޑަރު ޣާޒީ ހަމަދު އަލް ޖަޒީރާއަށް ދެއްވި ލައިވް އިންޓަވިއުއެއްގައި އެ ހަމަލާއިން ސަމާލަތްވި ގޮތުގެ ވާހަކަތައް ވިދާޅުވެ ދެއްވައިފިއެވެ.

ޣާޒީ ހަމަދު ހާމަކުރެއްވި ގޮތުގައި، ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ހުށަހެޅި ޕްރޮޕޯސަލްއާ ގުޅޭގޮތުން ގަތަރުގެ މެދުވެރިކަމާއެކު މަޝްވަރާތައް ފެށިގެން ގަޑިއިރެއް ފަހުން އިސްރާއީލުގެ ހަމަލާ ފެށުނުކަމަށެވެ. "އަޅުގަނޑުމެން ބައްދަލުވުމެއްގައި ތިބެނިކޮށް، މުއާމަލާތްކުރާ ޓީމާއި އެޑްވައިޒަރުންނާއެކު އެމެރިކާގެ ހުށަހެޅުން ދިރާސާކުރަމުން ދަނިކޮށް އެއްފަހަރާ ބޮމުގެ އަޑުތައް އިވެން ފެށި. އަޅުގަނޑުމެން ވަގުތުން އެތަނުން ނިކުމެވުނީ އިސްރާއީލުގެ ހަމަލާއެއްކަން އެނގިގެން،" ހަމަދު ވިދާޅުވިއެވެ.

ހަމަލާގެ ވަރުގަދަކަން ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ "ބޮމްތަކުގެ އަސަރު އެހާމެ ވަރުގަދައަށް ކޮށް ހާލަތު ވަރަށް ބިރުވެރިވި. 12 ވަރަކަށް ރޮކެޓް މިނިޓެއްހާއިރުގެ ތެރޭގައި ފޮނުވާލި. އެކަމަކު މާތް ﷲ ގެ ރަޙުމަތްފުޅުން އަޅުގަނޑުމެން މި ނުރައްކަލުން ސަލާމަތްވި."

މި ހަމަލާގައި ހަމާސްގެ ފަސް މެންބަރުންނާއި ގަތަރުގެ ސަލާމަތީ އޮފިޝަލަކު ޝަހީދުވިއެވެ. ޝަހީދުވެފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްޙައިގެ ޕްލޭނާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވި ބޭފުޅުންނެވެ.

ހަމާސްއާ ގުޅުންހުރި ސޯސްތަކުން ލިބުނު މައުލޫމާތުގައިވާ ގޮތުން، ހަމަދުގެ އިތުރުން އިމާރާތުގައި ތިއްބެވީ ހަމާސްގެ މުހިންމު ލީޑަރުން ކަމުގައިވާ މައި ނެގޯޝިއޭޓަރު ޚަލީލް އަލް ހައްޔާ، ކުރީގެ ލީޑަރު ޚާލިދު މިޝްއަލް، ހުޅަނގު އައްސޭރީގެ ވެރިޔާ ޒަހެރް ޖަބަރީން، އަދި ޕޮލިޓިކަލް ބިއުރޯގެ މެންބަރުން ކަމުގައިވާ ބާސިމް ނައީމާއި ތަހެރް އަލް ނޫނޫއެވެ.

ގަތަރަށް ދިން މި ހަމަލާއާ ގުޅިގެން އަރަބި އަދި އިސްލާމީ ގައުމުތަކުގެ ލީޑަރުން އިއްޔެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އިސްރާއީލުގެ އަމަލަށް ރައްދު ދިނުމާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، ބައްދަލުވުން ނިމުނުއިރު ވަކި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެއްބަސްވުމަކަށް ނާދެވުނެވެ.

ޣައްޒާގެ ސިއްޙީ ވުޒާރާއިން ދޫކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 65,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްފައިވާއިރު، އޭގެ ތެރޭގައި 19,000 ކުޑަކުދިން ހިމެނެއެވެ. މިއީ ޒަމާނުގެ އެންމެ ބޮޑު އިންސާނީ ކާރިސާތަކުގެ ތެރޭގައި ހިމެނޭ ހާދިސާއެއް ކަމުގައި ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ބަޔާންކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ