މި އަހަރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގައި ދެވަނައިގައި އޮތް ރަޝިޔާއިން މިހާތަނަށް 188,409 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިވެ. މިއީ ދެ ލައްކަ ފަތުރުވެރިންނާ ވަރަށް ގާތް އަދަދެކެވެ.
ނޮވެމްބަރު 16 ގެ ނިޔަލަށް ބަލާއިރު، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާ ކަމަށްވެފައި، ޗައިނާއިން 247,536 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މި ލިސްޓުގެ ތިންވަނައިގައި އެނގްލަންޑު އޮތްއިރު، އެ ގައުމުން 140,104 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ހަތަރުވަނަ މަގާމުގައި އޮތް އިޓަލީން 109,651 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
2024 ވަނަ އަހަރުގެ މިހާތަނަށް ޖުމުލަ 1,563,194 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. މިއީ ފާއިތުވި އަހަރުގެ މިއާ އެއްވަރުގެ މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓުގެ އިތުރުވުމެކެވެ. މި ކުރިއެރުމާއެކު، ސަރުކާރުން ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ޑިސެމްބަރު މަހުގެ ނިޔަލަށް ހާސިލްވާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިވަގުތު 174 ރިސޯޓާއި، 16 ހޮޓަލާއި، 914 ގެސްޓްހައުސް އަދި 161 ސަފާރީ އުޅަނދު ހިމެނޭއިރު، މި ތަންތަނުން ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ މި ދުވަސްވަރު، ރަޝިޔާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެއްގެ ގޮތުގައި ދެމިއޮތުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
ކޮމެންޓު ފޮނުވާ