އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ހުށަހެޅުނު މުހިންމު ގަރާރެއް އެމެރިކާއިން ވީޓޯ ކޮށްފިއެވެ. ކައުންސިލްގެ 15 މެންބަރުންގެ ތެރެއިން 14 ގައުމު މި ގަރާރަށް ތާއީދުކޮށް ވޯޓުދިން ނަމަވެސް، އެމެރިކާގެ ވީޓޯގެ ސަބަބުން ގަރާރު ފާސްނުވެ ވަނީ ބާޠިލްވެފައެވެ.
ސެކިއުރިޓީ ކައުންސިލްގެ އިންތިޚާބުކުރެވުނު 10 މެންބަރުން އެކުލަވާލި މި ގަރާރުގައި ޣައްޒާގައި ވަގުތުން، ޝަރުތެއްނެތި އަދި ދާއިމީ ސުލްޙައެއް ގާއިމުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައިވެއެވެ. މީގެ އިތުރުން ހަމާސް އާއި އެހެން ގްރޫޕްތަކުގެ އަތުގައިވާ ރަހީނުން ދޫކޮށްލުމަށާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ފަލަސްތީނުގެ ސިއްހީ އިދާރާތަކުގެ ތަފާސްހިސާބު ދައްކާގޮތުން، ދެ އަހަރާ ގާތްކުރާ މި ހަނގުރާމައިގައި 65,141 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މި ތެރޭގައި 18,000 އަށްވުރެ ގިނަ ކުޑަކުދިންނާއި 12,000 އަންހެނުން ހިމެނެއެވެ. އަދި 1,400 އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިންނާއި 250 އަށްވުރެ ގިނަ ނޫސްވެރިން ވެސް ޝަހީދުވެފައިވާކަމަށް އދ.ގައި އަލްޖީރިއާގެ އެމްބެސެޑަރ އަމާރ ބެންޖަމާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ފަރާތުން ގަރާރު ވީޓޯކުރި ސަބަބުތައް ބަޔާންކުރައްވަމުން، މެދު އިރުމަތީގެ އެމެރިކާގެ ޑެޕިއުޓީ ސްޕެޝަލް އެންވޯއި މޯގަން އޯޓަގަސް ވިދާޅުވީ، ގަރާރުގައި ހަމާސް ކުށްވެރިނުކުރުމާއި، އިސްރާއީލްގެ އަމިއްލަ ދިފާއުގެ ހައްގު ބަލައިނުގަތުން ފަދަ މައްސަލަތައް ހުރި ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އދ.ގެ އިދާރާތަކުން ޣައްޒާގައި ބަނޑުހައިހޫނުކަން އިއުލާނުކުރުމުގައި ބޭނުންކުރި މެތޮޑޮލޮޖީގައި މައްސަލަތައް ހުރިކަމަށެވެ.
ވޯޓަށްފަހު ފަލަސްތީނުގެ އދ. އެމްބެސެޑަރު ރިޔާދު މަންސޫރު ވިދާޅުވީ، އެމެރިކާގެ ވީޓޯއަކީ ނުހަނު ހިތާމަވެރި ކަމެއް ކަމަށާއި، މިކަމުން ސެކިއުރިޓީ ކައުންސިލް އާންމު ރައްޔިތުން ހިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމުން ހުއްޓިފައިވާކަމަށެވެ. "އަނިޔާވެރި ކުށްތަކާ ގުޅޭގޮތުން ވީޓޯގެ ބޭނުން ހިފުމަކީ ހުއްދަކުރެވިގެންވާ ކަމެއް ނޫން،" މަންސޫރު ފާހަގަކުރެއްވިއެވެ.
އަލްޖީރިއާގެ އެމްބެސެޑަރ ބެންޖަމާ، ޖަލްސާ ނިމުނުއިރު ވަރަށް އިހުސާސްތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވިއެވެ. "ދުނިޔެ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް އެ ޙައްޤުތައް ދޭން އިންކާރުކުރާތީ އަޅުގަނޑުމެންނަށް މާފުކުރައްވާ. އަޅުގަނޑުމެންގެ އިޚްލާޞްތެރި މަސައްކަތްތައް ވީޓޯގެ ސަބަބުން ނެތިދިޔައީތީ މާފުކުރައްވާ،" އޭނާ ވިދާޅުވިއެވެ.
ބެންޖަމާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލަށް މިފަދަ ރައްކާތެރިކަން ލިބެނީ ބައިނަލްއަޤްވާމީ ޤާނޫނުގެ ސަބަބުން ނޫން ކަމަށާއި، ބައިނަލްއަޤްވާމީ ނިޒާމު ވަކި ފަރާތަކަށް ބުރަވެފައިވުމުގެ ސަބަބުން ކަމަށެވެ. މި ހަނގުރާމަ ފެށިގެން އައިތާ ދެ އަހަރާ ގާތްވާއިރު، ސުލްޙަ ގާއިމުކުރުމަށް ސެކިއުރިޓީ ކައުންސިލްގައި ހުށަހެޅުނު އެތައް ގަރާރެއް އެމެރިކާގެ ވީޓޯގެ ސަބަބުން ފާސްނުވެ ގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ