އެޗްޑީސީން 105,000 ގަސް އިންދާ، "ފެހި މަންޒަރު" ބޯޑު އިފްތިތާޙުކޮށްފި

އެޗްޑީސީން 105,000 ގަސް އިންދާ، "ފެހި މަންޒަރު" ބޯޑު އިފްތިތާޙުކޮށްފި

Author
އައިޝަތު އަޙްމަދު
18 ސެޕްޓެމްބަރ 2025 09:35
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާތަނަށް އިންދާފައިވާ ގަސްތަކުގެ އަދަދު ދައްކާދޭ "ފެހި މަންޒަރު" ނަމުގެ ޑިސްޕްލޭ ބޯޑެއް އިފްތިތާޙުކޮށްފިއެވެ.

އެޗްޑީސީގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބޯޑު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު އަތީފްގެ އިތުރުން އެޗްޑީސީގެ އިސް ވެރިންނާއި ފަސް މިލިއަން ގަސް މަޝްރޫއު ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ފެށި މި ޤައުމީ ޕްރޮގްރާމުގެ ދަށުން އެޗްޑީސީން ވަނީ 1 މިލިއަން ގަސް އިންދުމަށް ވަޢުދުވެފައެވެ. 2024 ޖޫންއިން ފެށިގެން މިހާތަނަށް އެ ކުންފުނިން 105,000 ގަސް އިންދާފައިވާކަން "ފެހި މަންޒަރު" ބޯޑުން ދައްކައިދޭނެކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ހަސަން ޝަހީދު ވިދާޅުވިގޮތުގައި، ކުންފުނީގެ އަމާޒަކީ ވީހާ އަވަހަކަށް 1 މިލިއަން ގަސް އިންދުމެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާ ގުޅިގެން ނާސަރީއެއް ތަރައްގީކޮށް، އޮޕަރޭޓްކުރަމުންދާކަމަށާއި، ހުޅުމާލޭ ސްކޫލްތަކާއި އެކި އެންޖީއޯތަކާ ގުޅިގެންވެސް ގަސް އިންދުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ.

"ކުރިއަށް އޮތް ތާގައި ލ. ގަމުގައި ހުރި އެޗްޑީސީގެ ބިމެއްގައި ނާސަރީއެއް ތަރައްގީކޮށް މިނިސްޓްރީއާއެކު ފަސްމިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގިނަ ގަސްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި،" ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމާއެކު، ތިމާވެށި ހިމާޔަތްކޮށް ދިވެހިރާއްޖެ ފެހި ހިތްފަސޭހަ ގައުމަކަށް ހެދުމަށް އެޗްޑީސީން މަސައްކަތް ކުރަމުންދާނެކަމަށް ކުންފުނިން ބުންޏެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން 6.4 މިލިޔަން ގަސް އިންދުމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް މުޅި ޖުމްލަ 658،294 ގަސް ވަނީ އިންދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.