މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސް 4 އޮފިޝަލުންނަށް، ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި އުސޫލާ ޚިލާފުވި ކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ މަޝްރޫޢުތަކުގެ އިޢުލާނާއި "ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ އުސޫލު" އާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދުނު ބައެއް ފަރާތްތަކަށް ނަހަމަ ގޮތުގައި ޕޮއިންޓު ދީފައިވާ ކަމަށާއި، ޝަރުޠު ފުރިހަމަނުވާ ފަރާތްތައް ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލާގައި 10 ސެޕްޓެންބަރު 2025 ގައި ކްރިމިނަލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ދަޢުވާ އުފުލާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
ދަޢުވާލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަން އަކްރަމް ކަމާލުއްދީން، އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުޙައްމަދު ޢާރިފް، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމުގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަޙްމަދު ވިޝާން ނަސީމް އަދި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމުގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު ޟިރުޣާމް ވަޙީދެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، މިއީ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ކުރި އަމުރުގެ ދަށުން އަވަހަށް ތަޙުޤީޤުކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލާގެ އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފާގެ މަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުން ގެންދާ ކަމަށާއި، އެ ބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ