މީޑިއާ ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ރައީސަށް ގޮވާލައިފި

މީޑިއާ ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ރައީސަށް ގޮވާލައިފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2025 08:51
0

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް މަޖިލީހުން ފާސްކުރި މީޑިއާ ބިލުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމަށް ބުނެ، އެ ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އިލްތިމާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. މަޖިލީހުގައި ބިލަށް ވޯޓު ނަގަމުންދިޔައިރު، އެމްޑީޕީގެ މެންބަރުން ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖުކުރި ކަމަށާއި، އެ ޕާޓީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމުން ބޭރުކުރުމަށްފަހު ވޯޓު ނެގިކަން ފާހަގަކުރެވެއެވެ. ހަމަ އެއާއެކު މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާއި އާންމު ފަރާތްތަކުން ވެސް ބިލާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދިޔައެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ކޮމިޓީ މަރުހަލާގައި ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވީނަމަވެސް، މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ މާއްދާތައް އަދިވެސް ބިލުގައި ހިމެނިފައިވާ ކަމަށެވެ. މިފަދަ މުހިންމު ބިލެއް، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން ވަކި ނިޔަތަކާއެކު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

"މި ބިލު ފާސްކުރުމުގައި ކުރަންޖެހޭ ދިރާސާތައް ފުރިހަމައަށް ނުކޮށް، ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލު އެކަށީގެންވާ ގޮތެއްގައި ނުހޯދައި، ބިލު ފާސްކޮށްފައިވަނީ ސަރުކާރުގެ ވަކި މަޤުޞަދެއް ހާސިލުކުރުމަށް ކަމަށް ގަބޫލުކުރެވޭ،" އަދާލަތު ޕާޓީން ބުންޏެވެ.

ބިލަށް ކޮމިޓީ މަރުހަލާގައި ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ތަހުގީގު ނުނިމެނީސް މީޑިއާ ހުއްޓުވާލެވޭ މާއްދާ އުނިކުރުމާއި، ކޮމިޝަންގެ ރައީސް އައްޔަންކުރާ ގޮތް ބަދަލުކުރުމާއި، ސޯޝަލް މީޑިއާ ބިލުގެ ދާއިރާއިން ބޭރުކުރުން ފަދަ ކަންކަން ހިމެނެއެވެ. އަދި ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅޭނެ ކަމަށް ބަޔާންކުރުމާއި، މީޑިއާއަކަށް ފިޔަވަޅު އެޅުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުން ފަދަ ކަންކަން ވެސް އިސްލާހުގެ ގޮތުގައި ހިމަނާފައިވެއެވެ.

އެހެންނަމަވެސް، 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނެއްގައި ފާހަގަކުރި ކަންބޮޑުވުންތައް، މި އިސްލާހުތަކުން ހައްލުވެގެންދިޔަ ކަމަށް ބުނެ، މަޖިލީހުން އެ ޕެޓިޝަން ބަލައިނުގަތް ކަމަށް ވެސް ފާހަގަކުރެވެއެވެ. ސަރުކާރާ ގުޅުންހުރި ފަރާތްތަކުން މި ބިލަކީ "އަބުރު ރައްކާތެރިކޮށްދޭ" ގާނޫނެއް ކަމަށް ބުނެ ދިފާއުކުރަމުން ގެންދިޔަ ނަމަވެސް، ނޫސްވެރިންނާއި މަދަނީ ޖަމްއިއްޔާތަކުން ދެކެނީ މިއީ މީޑިއާ ކޮންޓްރޯލްކުރުމަށް ގެނެވޭ ގާނޫނެއް ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ، މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި ބިލު ތަސްދީގުނުކޮށް އަލުން މަޖިލީހަށް ފޮނުވާލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަދާލަތު ޕާޓީން ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ޕާޓީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.