އިޒްރޭލާ ގުޅުން ކަނޑާލުމަށް މެލޭޝިއާގެ ބޮޑުވަޒީރު ގޮވާލައްވައިފި

އިޒްރޭލާ ގުޅުން ކަނޑާލުމަށް މެލޭޝިއާގެ ބޮޑުވަޒީރު ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
16 ސެޕްޓެމްބަރ 2025 08:11
0

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުނު އަރަބި-އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ އިޒްރޭލުން ފަލަސްތީނަށް ކުރަމުންދާ ހަމަލާތައް ހުއްޓުވުމަށް ގައުމުތަކުން އިޒްރޭލާ އެކު އޮތް ޑިޕްލޮމެޓިކް އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލަންޖެހޭ ކަމަށް ގޮވާލައްވާފައެވެ.

އަންވަރު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ބަޔާންތައް ނެރުމާއި ކުށްވެރިކުރުމުން އިޒްރޭލުގެ ވައިގެ ހަމަލާތައް ހުއްޓެއް ނުވާނެއެވެ. އަދި މިގޮތަށް ޢަމަލުކޮށްގެން ފަލަސްތީނަށް މިނިވަންކަމެއް ވެސް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އިޒްރޭލާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

ގާޒާ ސުންނާފަތިވަމުންދާ ކަމަށް ފާހަގަކުރައްވަމުން އަންވަރު ވިދާޅުވީ، އިޒްރޭލުން ހުއްޓުމެއް ނެތި ކުރަމުންދާ ހަމަލާތަކުގެ ސަބަބުން މި ހާލަތު މެދުވެރިވެފައިވާ ކަމަށެވެ. އިޒްރޭލުގެ އަނިޔާވެރިކަން ކޮންމެ ގައުމަކާ ހަމައަށް ވެސް ފޯރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލުބްނާން، ސީރިއާ، ޔަމަން އަދި އިރާނަށް އިޒްރޭލުގެ އަނިޔާވެރިކަން ފޯރާފައިވާކަން ފާހަގަކުރައްވަމުން، އަންވަރު އިބްރާހިމް ވަނީ އިޒްރޭލުން ޖަރީމާތައް ތަކުރާރުކޮށް ހިންގަމުންދާއިރުވެސް، އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅެއް ނޭޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ކުއްލި ސަމިޓް ބާއްވާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ދޯހާގައި ހުންނަ ހަމާސްގެ ހެޑްކުއާޓަރަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެންނެވެ. ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަކަށް ހަމާސްގެ ލީޑަރުން މަޝްވަރާކުރަން ތިބި ވަގުތު ދިން މި ހަމަލާގައި ހަ މީހަކު ޝަހީދުވި ނަމަވެސް، ހަމާސްގެ ލީޑަރުން ސަލާމަތްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.