ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ބިންތައް ހަވާލުކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެކްސް (ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް ވެރިފަރާތްތަކާ ހަވާލުކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން، މިހާރު ކޮންސްޓްރަކްޝަން ސައިޓުތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ބިންތައް ކޮންޓްރެކްޓަރުންގެ އަތުން ހުސްކުރުމަށްފަހު، އެ ބިންތައް ވެސް އަވަހަށް ވެރިފަރާތްތަކާ ހަވާލުކުރާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް 1260 ފަރާތަކަށް ރަޖިސްޓްރީ ދޫކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގުޅިފަޅުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް މަސައްކަތެއް ކުރަމުންދާ ކަމަށެވެ. މިއީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މުހިންމު މަރުޙަލާއެއް ކަމުގައި ވާއިރު، ގޯތި ލިބުނު ފަރާތްތަކަށް އެ ބިންތައް ލިބި، ގެދޮރު އެޅުމުގެ މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ