މަތީ ތައުލީމަށް ސަރުކާރުން މި އަހަރު 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މަތީ ތައުލީމަށް ސަރުކާރުން މި އަހަރު 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

Author
ހުސެއިން
14 ސެޕްޓެމްބަރ 2025 03:37
0

ރާއްޖޭގެ ދަރިވަރުންގެ މަތީ ތައުލީމަށް މި ސަރުކާރުން މިއަހަރުގެ މިހާތަނަށް 600 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ސްކޯލާޝިޕް ފުރުސަތުތަކުގެ ދަށުން ރާއްޖެ ހިމެނޭގޮތުން 20 ގައުމެއްގައި 570 ދަރިވަރަކު މިވަގުތު ތައުލީމު ހާސިލުކުރަމުންދާއިރު، އޭގެ ތެރޭގައި 203 ފިރިހެން ދަރިވަރުންނާއި 355 އަންހެން ދަރިވަރުން ހިމެނެއެވެ. މިއަހަރުގެ ތެރޭގައި ސްކޯލާޝިޕްގައި ކިޔަވާ 84 ދަރިވަރަކު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި 50 އަންހެން ދަރިވަރުންނާއި 34 ފިރިހެން ދަރިވަރުން ހިމެނެއެވެ.

ސްކޯލާޝިޕް ޕްރޮގްރާމަށް މިއަހަރު 119 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްފައިވާއިރު، ފާއިތުވި އަހަރާއެކު މި ދެ އަހަރުގެ ތެރޭގައި ސްކޯލާޝިޕްތަކަށް ޖުމްލަ 368 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސަރުކާރުން ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ޔުނިވަސިޓީތަކާއި ކޮލެޖުތަކުގައި 8,330 ދަރިވަރަކު މިހާރު ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް ކިޔަވަމުންދާކަމަށް މިނިސްޓްރީން ބުނެއެވެ. މި ދަރިވަރުންނަށް މިއަހަރު 116 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައުލަތުން ދޫކޮށްފައިވާއިރު، ފާއިތުވި އަހަރާއެކު ދެ އަހަރުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމަށް 267 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދުވެފައިވެއެވެ.

މިއަހަރު ހިލޭ ޑިގްރީ ޕްރޮގްރާމުން 2,237 ދަރިވަރަކު ފުރަތަމަ ޑިގްރީ ފުރިހަމަކޮށް ދަސްވެނިވެފައިވާއިރު، ފާއިތުވި އަހަރާއެކު ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމުން ޖުމްލަ 5,579 ދަރިވަރަކު ގްރެޖުއޭޓުވެފައިވެއެވެ. އޭގެ ތެރޭގައި 1,956 ފިރިހެން ދަރިވަރުންނާއި 3,614 އަންހެން ދަރިވަރުން ހިމެނެއެވެ.

ސްޓޫޑެންޓު ލޯނު ސްކީމުގެ ދަށުން މިއަހަރު 365 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދަރިވަރުންނަށް ދޫކޮށްފައިވާއިރު، ފާއިތުވި އަހަރާއެކު ދެ އަހަރުގެ ތެރޭގައި ސްޓޫޑެންޓު ލޯނުގެ ގޮތުގައި 1.06 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިވަގުތު ރާއްޖެ ހިމެނޭގޮތުން 40 ގައުމެއްގައި 1,733 ދަރިވަރަކު ސްޓޫޑެންޓު ލޯނު ނަގައިގެން މަތީ ތައުލީމުގެ އެކި ފެންވަރުތައް ފުރިހަމަކުރަމުންދާއިރު، މިއަހަރު އަލަށް 805 ދަރިވަރަކަށް ސްޓޫޑެންޓު ލޯނުގެ ފުރުސަތު ހަމަޖައްސައިދީފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.