ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތެއް އެޗްޑީސީން ކުރިޔަށް ގެންދަނީ

ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގައި ސާފުކުރުމުގެ ހަރަކާތެއް އެޗްޑީސީން ކުރިޔަށް ގެންދަނީ

Author
އަހުމަދު
13 ސެޕްޓެމްބަރ 2025 04:42
0

ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ޑޭ ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގެ ގޮނޑުދޮށްތަކާއި މޫދު ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ކޮންމެ އަހަރަކުވެސް ސެޕްޓެމްބަރު 20 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ މި ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ބޭނުމަކީ ހުޅުމާލޭގެ ތަފާތު ސަރަހައްދުތަކުގައި އެޅިފައިހުރި ކުނިކަހާ ތަކެތި ނަގައި، ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން މޫދުގެ ދިރުންތަކާއި ތިމާވެށި ރައްކާތެރިކުރުމަށް މީހުން ހޭލުންތެރިކުރުމަކީވެސް މި ޕްރޮގުރާމުގެ މުހިންމު މަގުސަދެކެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު ފެށޭ މި ހަރަކާތުގައި ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވާލާ ބްރިޖު ސަރަހައްދުން ފެށިގެން ހުޅުމާލޭގެ އެކި ހިސާބުތަކުގެ ގޮނޑުދޮށްތަކާއި ހޭޅިފަށް އަދި މޫދުގެ ސަރަހައްދުތައް ސާފުކުރެވޭނެއެވެ. މި ހަރަކާތުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި، އެންޖީއޯތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ތިމާވެށްޓާ ގުޅޭ މައްސަލަތަކަށް މީހުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން، މި ދުވަހުގެ ރޭގަނޑު "މަންސަ" ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގުރާމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން އެކި ހަރަކާތްތައް ހިންގާނެއެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި އަހަރު ހުޅުމާލޭގައި ފެށޭ މި ހަރަކާތް އަންނަ އަހަރު މުޅި ރާއްޖެއަށް ފުޅާކޮށް، ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ ސަގާފަތް އާލާކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުންނަށް އުފާވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އެޗްޑީސީން ދަނީ އެކި ޕްރޮގުރާމުތައް ހިންގަމުންނެވެ. ކުރިމަގުގައިވެސް ސާފުތާހިރުކަމުގެ ރީތި އާދަތައް އާލާކުރުމަށާއި، ހުޅުމާލޭގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް މިފަދަ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.