ސްރީ ލަންކާގެ ޕާލިމެންޓުން މިއަދު ކުރީގެ ރައީސުންނަށް ލިބެމުން އައި އިމްތިޔާޒްތައް އުވާލާ "ޕްރެޒިޑެންޓްސް އެންޓައިޓުލްމެންޓް ރިޕީލް ބިލް" 151 މެންބަރުންގެ ވޯޓުން ފާސްކޮށްފި އެވެ. މި ބިލާ ދެކޮޅަށް ވޯޓު ދިނީ ހަމައެކަނި އެއް މެންބަރެކެވެ.
މި ގާނޫނު އަމަލުކުރަން ފެށުމާއެކު، ކުރީގެ ރައީސުންގެ ތެރެއިން އެންމެ ބާރުގަދަ ސިޔާސީ ލީޑަރު މަހިންދަ ރާޖަޕަކްސަ އޭނާ ދިރިއުޅުއްވާ ދައުލަތުގެ ރަސްމީ ގެކޮޅު ދޫކުރައްވަން ތައްޔާރުވެވަޑައިގަންވަމުން ގެންދަވާކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ. އިތުބާރުހުރި މަސްދަރުތަކުން މި ވާހަކަ ކަށަވަރުކޮށްދީފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
ޕާލިމެންޓުގައި މި ބިލަށް ކުރި ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރީ މަހިންދަ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅުގެ ވާހަކަ އެވެ. ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ފާހަގަކުރެއްވި ގޮތުގައި، އެ ގެކޮޅު ބެލެހެއްޓުމަށް ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑެވެ. އެ ގެކޮޅު ކުއްޔަށް ދޫކޮށްފި ނަމަ މަހަކު 4.6 މިލިޔަން ރުޕީސް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަހިންދަ ރާޖަޕަކްސަ މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުން ރަސްމީކޮށް އެންގިއްޖެ ނަމަ ގެކޮޅުން ނުކުންނަވާނެ ކަމަށެވެ. އެހެންނަމަވެސް މި ބިލު ހުށަހެޅީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުން ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.
ޕާލިމެންޓުގެ ސްޕީކަރ ސޮއިކުރެއްވުމާއެކު މި ބިލު ގާނޫނަކަށް ވާނެ އެވެ. މިއާއެކު ކުރީގެ ރައީސުން ކަމަށްވާ މައިތިރިޕާލާ ސިރިސޭނާ އާއި ޗަންދުރިކާ ބަންޑާރަނައިކަ ކުމާރަތުންގަ ވެސް މިހާރު ދިރިއުޅުއްވާ ދައުލަތުގެ ގެކޮޅުތަކުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ.
މި ގާނޫނަކީ ކުރީގެ ރައީސުންނަށް ލިބެމުން އައި ދައުލަތުގެ ގެކޮޅު، ސެކިއުރިޓީ، އޮފީސް ޚަރަދު ފަދަ އިމްތިޔާޒްތައް އުވާލާ ގާނޫނެކެވެ. ސްރީ ލަންކާގެ އިގުތިސާދީ ދަތި ހާލަތުގައި ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނެގި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ