ތައިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

ތައިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ޙަސަން މުޙައްމަދު
09 ސެޕްޓެމްބަރ 2025 03:36
0

ތައިލެންޑުގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރު އަދި ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނާވަތުރާ އެއް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ 2023 ވަނަ އަހަރު ޝިނާވަތުރާ އަށް އިއްވި ޖަލު ހުކުމް ރަނގަޅަށް ތަންފީޒު ނުކުރާ ކަމަށް ފާހަގަ ކުރައްވައެވެ. އޭރު އޭނާ ޖަލުގައި ހުންނަން ޖެހޭ އިރު، ހޮސްޕިޓަލުގައި ހުރި ކަމަށް ކޯޓުން ވިދާޅުވިއެވެ.

ޝިނާވަތުރާގެ ސިޔާސީ އާއިލާ އަކީ ދިގު މުއްދަތަކަށް ތައިލެންޑުގެ އަސްކަރިއްޔާ އާއި ރަސްކަމާ ދެކޮޅަށް ހަރަކާތްތެރިވި ބަޔަކެވެ. ތައިލެންޑުގެ ވެރިކަން ކުރާ ފަރާތްތަކުން މި އާއިލާ ދެކެނީ ގައުމުގެ ރިވެތި ސަގާފަތާއި އިޖުތިމާއީ ނިޒާމަށް ނުރައްކާ ކުރާ ބަޔެއްގެ ގޮތުގައެވެ.

އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި ގާނޫނީ އަދި ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކު މި އާއިލާގެ ނުފޫޒު ދަށްވަމުން އަންނަ ކަމަށް ތައިލެންޑުގެ ވިސްނުންތެރިން ފާހަގަ ކުރެއެވެ. މީގެ ހެއްކަކީ މިދިޔަ އޮގަސްޓް މަހު ތަކްސިންގެ އަންހެން ދަރިފުޅު ޕެޓޮންގްޓާން ޝިނާވަތުރާ ބޮޑު ވަޒީރުކަމުން ވަކިކުރެވުނު ކަމެވެ.

ޕެޓޮންގްޓާން ވަކިކުރެވުނީ ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ޑިޕްލޮމެޓިކް މައްސަލަތަކެއް ހިނގަމުން ދަނިކޮށް، ކެމްބޯޑިއާގެ ކުރީގެ ސިޔާސީ ލީޑަރަކާ ކުރި ފޯނު މުކާލަމާތެއް ލީކުވުމާ ގުޅިގެންނެވެ. ކޯޓުގެ 9 ފަނޑިޔާރުންގެ ތެރެއިން 7 ފަނޑިޔާރުން އޭނާ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވިއެވެ.

މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ތައިލެންޑުގެ އެންމެ ބާރުގަދަ ސިޔާސީ އާއިލާތަކުގެ ތެރެއިން އެއް އާއިލާ އަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުމެއް ކަމުގައި ސިޔާސީ ތަޖުރިބާކާރުން ވަނީ ފާހަގަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.