ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ތަމްރީނެއް ބޭއްވުމަށްޓަކައި މިއަދު ސިނަމާލެ ބުރިޖުގެ އުތުރު ފަޅި ފަސް ގަޑިއިރަށް ބަންދުކުރުމަށްފަހު މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
މިއަދު ހަވީރު 4:00 އިން މިރޭ 9:00 އާ ދެމެދު ބުރިޖުގެ އުތުރު ފަޅި ބަންދުކޮށްގެން ބޭއްވުނު މި ތަމްރީނު މިހާރު ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެއާޕޯޓް އިމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބުރިޖުގެ ޓްރެފިކަށް ގެނައި ބަދަލުތައް މިހާރު ނިންމާލައި، ކުރިން ދަތުރުފަތުރު ކުރަމުން ދިޔަ ގޮތަށް ބުރިޖު ބޭނުންކުރެވޭނެ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮފިޝަލަކު މި ތަމްރީނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ތަމްރީނެއް ކޮންމެ ދެ އަހަރަކުން ނުވަތަ ތިން އަހަރަކުން އެއްފަހަރު ބާއްވާ ކަމަށެވެ. މި ތަމްރީނުގެ ބޭނުމަކީ އެއާޕޯޓުގައި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އެއާޕޯޓުގެ އިމަޖެންސީ ޚިދުމަތްތަކާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް އެފަދަ ހާލަތަކަށް ތައްޔާރުވެފައި ހުރި މިންވަރު ދެނެގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ތަމްރީނުގައި ސިފައިންނާއި ފުލުހުންނާއި ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މި ތަމްރީނުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ދެއްކި އެއްބާރުލުމާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ