ސިނަމާލެ ބްރިޖުގެ އެއާޕޯޓް ލޭން މާދަމާ ހަވީރު ބަންދުކުރާނެ

ސިނަމާލެ ބްރިޖުގެ އެއާޕޯޓް ލޭން މާދަމާ ހަވީރު ބަންދުކުރާނެ

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 09:49
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މާދަމާ ބާއްވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ސަބަބުން ސިނަމާލެ ބްރިޖުގެ އެއާޕޯޓަށްވާ ލޭން ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ބަންދުކުރުމަށް އެމްއޭސީއެލުން ނިންމައިފިއެވެ.

އެމްއޭސީއެލުން މިރޭ ދޫކުރި ބަޔާނެއްގައި ބުނެފައިވަނީ، އެފެކްސް އޮޕަރޭޝަންތަކާ ގުޅިގެން ބްރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. މި ގަޑިތަކުގައި ބްރިޖުގެ ޓްރެފިކް ކޮންޓްރޯލްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށް ގެންދާނެ ކަމަށް އެ ކޮމްޕެނީން ހާމަކުރެއެވެ. އެހެންނަމަވެސް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށް އެމްއޭސީއެލުން ޔަގީންކަން ދީފައިވެއެވެ.

މާދަމާ ބާއްވާ މި އެކްސަސައިޒްގައި ޕާޓްނަރު އެއާލައިންގެ ގޮތުގައި ގަތަރު އެއާވޭސް ބައިވެރިވާއިރު، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭންތައް ޓެސްޓުކުރުމެވެ. ވީއައިއޭގެ އެމަޖެންސީ ޕްލޭނާއި، ކަމާގުޅޭ މުއައްސަސާތަކުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި، އެއާލައިންތަކުގެ ކުއްލި ހާލަތުގެ ރެސްޕޮންސް ޕްލޭންތައް ޓެސްޓުކުރުމަށް މި އެކްސަސައިޒް ފުރުޞަތު ތަނަވަސްކޮށްދެއެވެ.

އެފެކްސްއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް، އެއާޕޯޓުތަކުގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ލާޒިމުކުރާ ހަރަކާތެކެވެ. ވީއައިއޭގައި މިފަދަ ފުލް-ސްކޭލް އެކްސަސައިޒެއް އެންމެ ފަހުން ބޭއްވުނީ 2022 ވަނަ އަހަރުގައެވެ.

މި އަހަރުގެ އެކްސަސައިޒްގައި 32 އިދާރާއެއް ބައިވެރިވާއިރު، 391 ވޮލަންޓިއަރުން މި ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓަރީވެފައިވެއެވެ. މި ގިނަ އަދަދެއްގެ މުއައްސަސާތަކާއި ވޮލަންޓިއަރުން ބައިވެރިވުމުން، އެއާޕޯޓުގައި ދިމާވެދާނެ ހަގީގީ އެމަޖެންސީ ހާލަތެއްގައި އެކި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރާނެ ގޮތް ދެނެގަތުމަށް މަގުފަހިވެ، ތައްޔާރީގެ ފެންވަރު މަތިކުރުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.