ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގައި ބައިވެރިނުވާން އެމްޑީޕީން ނިންމައިފި

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 09:50
0

ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިނުވުމަށް މައިގަނޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނިންމައިފިއެވެ. މި ނިންމުން އެ ޕާޓީން އިއުލާނުކޮށްފައި ވަނީ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެމްޑީޕީއާ ބައްދަލުކުރުމަށް އެދުމުން، މިއަދު އެ ކުންފުންޏަށް ޖަވާބު ދިނުމަށްފަހުގައެވެ.

ދުރު މުސްތަގުބަލަށް އަމާޒުކޮށްގެން ގައުމީ ތަރައްގީ ޕްލޭނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމުގައި އެމްޑީޕީން ބުނި ނަމަވެސް، ސަރުކާރުން މިހާރު މި މަސައްކަތް ކުރިއަށް ގެންދާ ގޮތާ މެދު އެ ޕާޓީން ވަނީ ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ސުވާލަކީ 20 އަހަރުގެ ޕްލޭނެއް އެކުލަވާލަން ނިންމީ ކިހިނެއް ކަމާއި، މި ނިންމުން ނިންމުމުގައި މަޝްވަރާކުރީ ކޮން ބަޔަކާ ކަމެވެ. ރައީސް ޑރ. މުއިއްޒު މިފަދަ ޕްލޭނެއް އެކުލަވާލާނެ ކަމަށް އިއުލާނުކުރެއްވި ނަމަވެސް، ސާފު ޕްލޭނެއް ނެތި އެއާޕޯޓް އެޅުމާއި އެކިއެކި އުމްރާނީ މަޝްރޫއުތައް އިއުލާނުކުރަމުން ދާކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގައި ފަށައިފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް ނުނިމިހުރެ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށަން އުޅޭ ކަމާއި، އަތޮޅު ކައުންސިލުތައް އުވާލުމާއި ރަށްރަށުން މީހުން ބަދަލުކުރުމުގެ ވާހަކަ ދައްކަމުންދާކަން ވެސް ފާހަގަކުރެއެވެ.

އެ ޕާޓީން އިތުރަށް ބުނި ގޮތުގައި ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކުރަމުން ދާ ކަމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާ ކަމާއި، ދައުލަތުގެ ނިޒާމުތަކަށް އިހުތިރާމް ނުކުރާކަން އާންމުވެފައިވާ ކަމެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިން އެކަށައަޅައިފައި ހުރި ހަރުދަނާ އުސޫލުތައް ވެސް ކުއްލިއަކަށް ބަދަލުކުރަމުން ދާކަން އެމްޑީޕީން ފާހަގަކުރެއެވެ.

މިކަންކަމަށް ރިއާޔަތްކޮށް، އަލަށް އެކުލަވާލާ ޕްލޭނަކަށް ސަރުކާރުން އަމަލުކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުން، މި ވަގުތު މި މަސައްކަތުގައި ބައިވެރިވުމަކީ ފައިދާހުރި ކަމެއް ކަމަށް ނުފެންނަ ކަމަށް އެމްޑީޕީން ވަނީ ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.