އައްޑޫގައި ކަރަންޓު ކޭބަލުން ވައްކަންކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާގެ ހާލު ދަނީ ރަގަޅުވަމުން

އައްޑޫގައި ކަރަންޓު ކޭބަލުން ވައްކަންކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު މީހާގެ ހާލު ދަނީ ރަގަޅުވަމުން

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2025 11:09
0

އައްޑޫ ސިޓީގައި ކަރަންޓު ކޭބަލެއް ވަގަށް ނަގަން މަސައްކަތްކުރި މީހަކު ކަރަންޓުގައި ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް، މިހާރު އޭނާގެ ހާލު ސްޓޭބަލްވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މެންދަމު ޖަހާއިރު އައްޑޫގެ ފޭދޫގައި ހުންނަ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން މަސައްކަތްކުރުމުގެ ސަބަބުން ކަރަންޓު ޝޯޓެއް ހިނގައި، ސެންޓްރަލް ޕަވާ ހައުސް މުޅިން ޑައުންވެގެން ގޮސްފިއެވެ. މި ހާދިސާގެ ސަބަބުން އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު ހިދުމަތް މެދުކެނޑި، ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ރައްޔިތުން ކަރަންޓް ނެތި ދިރިއުޅެން މަޖުބޫރުވިއެވެ.

ކަރަންޓު ކޭބަލް ބުރިކުރަން މަސައްކަތްކުރި މީހާ ކަރަންޓުގައި ޖެހުމުން އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ފިހި، ބޯފަޅައިގެން ގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަނިޔާ ލިބުނު މީހާ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށް ނަމަވެސް، އެތަނުގައި ކަރަންޓް ނެތުމުގެ ސަބަބުން ވަގުތުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރަން ޖެހުނެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިވަގުތު އެ މީހާގެ ހާލު ސްޓޭބަލްވެފައިވާތީ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އިތުރަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި، މިފަދަ އަމަލުތަކުގެ ސަބަބުން ކުންފުނީގެ މުދަލަށް ގެއްލުންވުމުގެ އިތުރުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން އަމަލު ހިންގާ މީހުންނާއި އެކަމުގައި ބައިވެރިނުވާ އާންމުންގެ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ބުނެ، މިކަހަލަ އަމަލުތައް ނުހިންގުމަށް ފެނަކައިން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓު ކޭބަލް ބުރިކޮށް ވައްކަންކުރުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފާހަގަކުރެވެއެވެ. މާލޭގައި ވެސް މިފަދަ ހާދިސާތައް ތަކުރާރުވަމުންދާ އިރު، ހުޅުމާލޭ އާއި މާލޭގައި ހުންނަ ޓްރާންސްފޯމަރުތަކުން ވައްކަންކުރުމުގެ މައްސަލަތައް ވެސް އިތުރުވަމުންދާ ކަމަށް ރިޕޯޓުތައް ދައްކައެވެ. މީގެ ކުރިން ވެސް ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި މަރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.