އެތައް ދުވަހެއް ވެގެންދާއިރުވެސް ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކުގައި ދައުލަތަށް ހެކިން ޙާޟިރުނުކުރެވުމަކީ ބަންދުގައި ގިނަ ދުވަސްވާ މައިގަނޑު އެއް ސަބަބު ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ތަފާތުއެކި ތުހުމަތުތަކުގައި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދު 300 އަށް ވުރެ ގިނަ ކަމަށް ޕްރޮސެކިއުޓާ ޖެލެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުގައި މީގެ ކުރިންވެސް ގިނަ މައްސަލަތަކެއް ބެއްލެވި ޤާޒީ ހައިލަމްގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން 70/90 ދުވަސް ތެރޭގައި ޝަރީޢަތް ފަށަންޖެހޭއިރު، މައްސަލައިގެ އަޑުއެހުން ނިމޭތާ 30 ދުވަސް ތެރޭގައި ޙުކުމް ކުރަންޖެހޭކަމަށެވެ. ނަމަވެސް މައްސަލަތަށް މިގޮތަށް ނުހިނގަނީ 2 އަހަރު ވާއިރު ވެސް ދައުލަތަށް ހެކިން ޙާޟިރުނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވާތީކަމަށް ހައިލަމް ވިދާޅުވިއެވެ.
ބަންދުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމުން 70/90 ދުވަސް ތެރޭގައި ޝަރީޢަތް ފަށަންޖެހޭއިރު، މައްސަލައިގެ އަޑުއެހުން ނިމޭތާ 30 ދުވަސް ތެރޭގައި ޙުކުމް ކުރަންޖެހޭ. 2 އަހަރު ވާއިރު ވެސް ދައުލަތަށް ހެކިން ޙާޟިރުނުކުރެވުމަކީ ބަންދުގައި ގިނަ ދުވަސްވާ މައިގަނޑު އެއް ސަބަބު.
– ހައިލަމް ވިދާޅުވިއެވެ.
ޖަލުގައި މުއްދަތެއް ޖެހުމެއްނެތި ވާނުވާގައި ގިނަ ބަޔަކު ތިބި އިރު، މިހާގެ ޕީޖީ ޝަމީމް މަޤާމާއި ހަވާލުވުމުގެ ކުރިން އެންމެ ބޮޑަށް ވަކާލާތު ކުރި އެއްމައްސަލަ ޔަކީވެސް ވާނުވާގައި ތިބޭ މީހުންގެ މައްސަލައެވެ. ނަމަވެސް މަޤާމާއި ހަވާލުވެގެން ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް މިކަން ހައްލު ނުވެ ދިގުލައިގެން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ވަނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޕީޖީ އޮފީހުން ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތަފާސް ހިސާބު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަންނަނީ ބަލަހައްޓަމުން ކަމަށެވެ. އެއޮފީހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މި ރިޕޯޓުގެ މުއްދަތުގައި 327 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުން ކަމަށް ފާހަގަކޮށްފައިވެއެވެ.
ރިމާންޑު ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 100 ދުވަސް ވެފައި ތިބި މީހުން ވެސް ތިބިއިރު، ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 149 މީހުން، މާފުށި ޖަލުގައި 134 މީހުން، ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނޭކަމަށް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުޠާއެކު ދޫކޮށްލަން، އަދި 3 މީހަކު ޑީޕޯޓު ކޮށްލުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ