ގދ. ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްއަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ތިން ކޮޓަރީގެ ރޯހައުސްތަކަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ. އަދި މި ރޯހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލުވެސް ވަނީ އާންމުކޮށްފައެވެ.
މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންވަނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. އެގޮތުން ތިނަދޫގެ ރަށްވެހިންނާއި، ތިނަދޫއަށް ހިޖުރަކޮށް މެދުނުކެނޑި 10 އަހަރު ދިރިއުޅެމުންދާ ފަރާތްތަކަށް މި ފުރުޞަތު ލިބިގެންވެއެވެ.
ނަމަވެސް އެއްމެދު ޢިމާރާތަކުން 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް މިލްކުކޮށްފައިވާ ނުވަތަ ގަތުމަށް އެއްބަސްވެފައިވާ ފަރާތްތަކަށާއި، އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކަށް މި ފުރުޞަތު ނުލިބޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރޯހައުސް ދޫކުރުމުގައި ޕޮއިންޓު ދިނުމުގެ ނިޒާމުގައި ޢާއިލާގެ ބޮޑުކުޑަ މިނަށާއި ދިރިއުޅުމުގެ ޙާލަތަށް ބަލާނެކަމަށް ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭނެކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ. ހަމައެހެންމެ ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ކުދިން ބަލަހައްޓާ ފަރާތްތަކާއި، މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށްވެސް އިސްކަންދޭނެއެވެ.
ރޯހައުސްއަށް އެދި ހުށަހަޅާ ފޯމުތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ