ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

Author
އައިޝަތު އަޙްމަދު
06 ސެޕްޓެމްބަރ 2025 09:51
0

ގދ. ތިނަދޫގައި ތަރައްގީކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ނިންމައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ހުންނާނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ. ރޯހައުސްތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ތިނަދޫގައި ތަރައްގީކޮށްފައިވާ މި ތިން ކޮޓަރީގެ ރޯހައުސްތައް ދޫކުރުމުގެ އުސޫލު މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި، މި ފުރުސަތަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސަކަށް ނުވަތަ އެ ރަށަށް ހިޖުރަކޮށް މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 10 އަހަރު ފުރިފައިވާ، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ.

ރޯހައުސްތަކަށް ކުރިމަތިނުލެވޭނެ ފަރާތްތަކުގެ ތެރޭގައި އެއްމެދު އިމާރާތަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ފަރާތްތަކާއި، އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތްތައް ހިމެނެ އެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭކަށް ނެތެވެ.

ހުށަހެޅުންތަކަށް ޕޮއިންޓް ދިނުމުގައި އާއިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ހާލަތަށް ބަލާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ. ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ހައުސިން މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

މީގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު ތިނަދޫ ކައުންސިލުން މިނިސްޓްރީގެ ހުއްދަ ނުހޯދައި މި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، ފަހުން އެ އިއުލާން ބާތިލްކުރިކަން ފާހަގަކުރެވެ އެވެ. މިހާރު ހުޅުވާލާފައިވާ ފުރުސަތަކީ މިނިސްޓްރީން ރަސްމީކޮށް ހުޅުވާލާ ފުރުސަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.