ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތައުޒިޔާ ދަފްތަރެއް ހުޅުވުމަށް ނިންމައިފިއެވެ. މިދިޔަ ހަފްތާގައި ސިންގަޕޫރުގައި އާލާސްކަންފުޅު ބޮޑުވެ އަވަހާރަވި އެމްޔޫ މަނިކަކީ މަޓީގެ ޗެއާމަން އަދި ކޯ ފައުންޑަރެކެވެ.
ތައުޒިޔާ ދަފްތަރުގައި ސޮއިކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މަޓީ އޮފީހުގައި ލިބޭނެއެވެ. ހުކުރު ދުވަހަކު މި ފުރުސަތު ނުލިބޭނެ ކަމަށް މަޓީން ބުނެއެވެ.
މަޓީގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް މި ދަފްތަރުގައި ސޮއިކުރެވޭނެ ކަމަށް މަޓީން ހާމަކޮށްފައިވެއެވެ. އެމްޔޫ މަނިކުގެ ހަނދާނުގައި ގާތްކަމާއި އިހްތިރާމު ފާޅުކުރުމަށް ހުރިހާ ފަރާތްތަކަށް މަޓީން ދައުވަތު ދީފައިވެއެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރި ބޭފުޅުންގެ ތެރެއިން އެކަކު ކަމުގައިވާ އެމްޔޫ މަނިކު 2013 ވަނަ އަހަރު ޖޫން މަހު އެމްއޭސީއެލްގެ ޗެއާމަންކަމުގެ މަގާމަށް އައްޔަންކުރެވުނެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދަތިވުމުން 2024 ވަނަ އަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ. ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް އެމްޔޫ މަނިކު އަވަހާރަވިއެވެ.
ކޮމެންޓު ފޮނުވާ