އައްޑޫ ސިޓީން ރޭ މެންދަމު ކަރަންޓު ކެނޑިފައިވަނީ މީހަކު ކަރަންޓު ކޭބަލެއް ބުރިކޮށް ވަގަށް ނަގަން އުޅުމުގެ ސަބަބުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ހިތަދޫ މެންބަރު އިބްރާހިމް ޝިނާޒު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ފޭދޫ ސަރަހައްދުން ކަރަންޓު ކޭބަލެއް ބުރިކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން ގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ކައުންސިލަށް އަންގާފައިވެއެވެ. މި ހާދިސާގެ ސަބަބުން އައްޑޫގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު ކެނޑިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރަންޓުގައި ޖެހުނު މީހާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި، އޭނާގެ ބޯ ފަޅައިގެން ގޮސް ފިހިފައިވާ ކަމަށް ޝިނާޒު މައުލޫމާތު ދެއްވިއެވެ. މިވަގުތު އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފޭދޫ ސިއްހީ މަރުކަޒުގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އާތިފް ވިދާޅުވި ގޮތުގައި، ހާދިސާގައި ޒަޚަމްވި މީހާ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށް ނަމަވެސް، އެ ވަގުތު އެތަނުގައި ކަރަންޓު ނެތުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރި ކަމަށެވެ. ނަމަވެސް އިކުއިޓޯރިއަލް ހޮސްޕިޓަލުން މި ހާދިސާއާ ގުޅޭ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ ސަބަބުން އައްޑޫގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު ކެނޑިގެން ދިޔަ ކަމަށާއި، ބައެއް ތަންތަނަށް އެނބުރި ކަރަންޓު ލިބުނީ ހަތަރު ގަޑިއިރަށް ފަހުގައި ކަމަށް ކައުންސިލަރު ޝިނާޒު ވިދާޅުވިއެވެ. އެހެންނަމަވެސް ބައެއް ސަރަހައްދުތަކަށް ގަޑިއެއްހާ އިރު ތެރޭގައި ކަރަންޓު އަލުން ފޯރުކޮށްދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އައްޑޫ ސިޓީގައި ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަ ތަކުރާރުކޮށް ދިމާވަމުން އައިސްފައިވާ ކަމަށް ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމުގައި ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ