ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ސޮއިކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. މިހާތަނަށް 2،955 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުން ފުރިހަމަވެފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ފެށުނު މި މަސައްކަތުގެ ދަށުން، ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު 4،000 ފަރާތަކާއެކު އެއްބަސްވުން އެކުލަވާލުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޖުމްލަ 3،070 އެއްބަސްވުމެއް ތާވަލުކޮށްފައިވާއިރު، މި މަސައްކަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ފަހިދިރިއުޅުން ކޯޕަރޭޝަނުގައި ކުރިއަށްދެއެވެ.
ފްލެޓުތައް ދޫކުރުމުގައި ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ތިން ކޮޓަރީގެ ފްލެޓުތަކަށް އެންމެ ފުރަތަމަ ފުރުސަތު ލިބޭނީ 76 މާކްސްއަށްވުރެ މަތިން ޕޮއިންޓު ހާސިލުކުރި ފަރާތްތަކަށެވެ. ދެން ބާކީ ހުރި ތިން ކޮޓަރީގެ ފްލެޓުތައް ބެހިގެންދާނީ 75 އަށްވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް ޝަރުތު ހަމަވާނީ 73 މާކްސްއިން މަތިން ޕޮއިންޓު ލިބިފައިވާ ފަރާތްތަކެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިހާ ބާރަށް ކުރިއަށްދާއިރުވެސް، އަދި ގިނަ އަދަދެއްގެ ފަރާތްތަކާއެކު އެއްބަސްވުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހިފައިވާކަމަށް އެފްޑީސީން މަޢުލޫމާތު ދެއްވައެވެ. މި މަޝްރޫޢަކީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ އެންމެ ބޮޑު ހައުސިންގ މަޝްރޫޢެވެ.
ކޮމެންޓު ފޮނުވާ