ބ. އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން ޚާއްސަ ސަރަހައްދެއް ކަމުގައިވާ ހަނިފަރު ބޭ އަށް ނުރައްކާވެދާނެ ކަމުގެ ބިރުން، އެ ސަރަހައްދާ ގާތުގައި ހުންނަ ދޮންފަނުގައި ކުރިއަށް ގެންދަން ރާވާފައިވާ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް އެދި ހުޅުވާލި ޕެޓިޝަނެއްގައި 3،304 މީހުން ސޮއިކޮށްފައިވެއެވެ.
2011 ވަނަ އަހަރު ހިމާޔަތްކުރެވުނު ހަނިފަރު ބޭ އަކީ 529 ހެކްޓަރުގެ ބޮޑުމިނުގައި ފެތުރިފައިވާ ސަރަހައްދެކެވެ. މި ތަނުގެ ފަރުތަކުގައި އެންމަޑިތައް ކްލީނިން ސްޓޭޝަންތަކުގެ ގޮތުގައި ބޭނުންކުރާ ޚާއްސަ ތަންތަން ހިމެނެއެވެ. މި ސަރަހައްދަށް ފީނުމަށް ބޭނުންވާ ފަރާތްތަކުން 20 ޑޮލަރުގެ ފީއެއް ދައްކަންޖެހޭއިރު، ފުޅި އަޅައިގެން ފީނުން މަނާކުރެވިފައިވެއެވެ.
ރެޒިލިއެންސް މޯލްޑިވްސް އިން ދެ ދުވަސް ކުރިން ފެށި މި އޮންލައިން ޕެޓިޝަނުގައި ފާހަގަކުރެވިފައިވަނީ، ދޮންފަނުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އަށް ބޮޑު ގެއްލުމެއް ލިބި، އެ ތަނުގެ ޤުދުރަތީ ސިފަތައް ގެއްލިދާނެ ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވުމާއެކު، އެ ސަރަހައްދުގެ އިގުތިސާދީ ހަރަކާތްތަކަށާއި ދިވެހި ސަގާފަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ޕެޓިޝަނުގައި ސޮއިކުރި ފަރާތްތަކުން އެދިފައިވަނީ ހަނިފަރު ބޭ ކައިރީގައި ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި، އެ މަޝްރޫއު އަލުން ދިރާސާކުރުމަށެވެ. އަދި އިގްތިސާދީ ތަރައްޤީ ހޯދުމާއެކު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދީގެން، މި ދެ ކަމުގެ މެދުގައި ބެލެންސް ހިފެހެއްޓޭނެ އެހެން ތަރައްޤީގެ މަޝްރޫއުތައް ހޯދުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
ހަނިފަރު ބޭ އަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން އެންމެ މުހިންމު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެއް ކަމަށްވާއިރު، މި ތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ކޮމެންޓު ފޮނުވާ