މާލޭގައި ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ބ. ކެންދޫ، މަންޒިލްގޭ ޝަހުމުﷲ ސާޖިދު ކ. ދިއްފުށިން ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ ފަރާތުން ވިދާޅުވެފައިވަނީ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުންނަވާކަން ފުލުހުންނަށް ގުޅައިގެން އެންގުމުން، އޭނާ ހޯދައިފައިވާ ކަމަށާއި، މިހާރު އޭނާގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށެވެ. ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ އޭނާ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން ވަނީ އޭނާ ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސައި، ތަޙުޤީޤު ފަށާފައެވެ.
ޝަހުމުﷲ ސާޖިދުގެ ގާތް ރައްޓެހިންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، އޭނާއަކީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ނަފްސާނީ ފަރުވާ ހޯދަމުންދާ ފަރާތެއް ކަމަށެވެ. ދިރިއުޅުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ދަތިތަކުގެ ސަބަބުން އޭނާ މިފަދަ ހާލަތަކަށް ދިއުމަށް މަގުފަހިވެފައިވާ ކަމަށް ރައްޓެހިން ބުނެއެވެ.
އޭނާ ގެއްލުމުގެ ދުވަހެއް ކުރިން، އޮފީހުގެ އެކުވެރިންނަށާއި ގާތް ރައްޓެހިންނަށް މެސެޖުކޮށް، އޭނާގެ ފަރާތުން އެއްވެސް ކުށެއް ނުވަތަ އިހުމާލެއް ވެފައިވާނަމަ މަޢާފަށް އެދިފައިވާކަން ވެސް ފާހަގަކުރެވެއެވެ. މިކަމުން އޭނާގެ ނަފްސާނީ ހާލަތު ދަށްވެފައިވާކަން އެނގޭކަމަށް ރައްޓެހިން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ