މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް 1.49 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ސެޕްޓެމްބަރު 2 ގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1,496,563 އެވެ.
ސަރުކާރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިޔަން ފަތުރުވެރިންގެ އަމާޒު ފުރިހަމަކުރުމަށް އިތުރު 803,437 ފަތުރުވެރިން ރާއްޖެއަށް ގެންނަން ޖެހޭކަމަށް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުން ފާހަގަކުރެއެވެ. މިއީ އަހަރުގެ ބާކީ އޮތް 120 ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެވަރެޖްކޮށް 6,695 ފަތުރުވެރިން ރާއްޖެއަށް އަންނަންޖެހޭ ކަމުގެ މާނައެވެ.
ނަމަވެސް ކުރިއަށް އޮތް މުއްދަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީސަން ކަމުގައިވުމުން، މި އަދަދަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެކަމުގެ އުއްމީދު ކުރެވެއެވެ. ފާއިތުވި އަހަރުތަކުގެ ތަޖުރިބާއަށް ބަލާއިރު، އޮކްޓޯބަރުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާކަން ފާހަގަކުރެވެއެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ފޮނުވާފައިވާ ޤައުމުތަކުގެ ތެރޭގައި ޗައިނާ 236,654 ފަތުރުވެރިންނާއެކު ލީޑުކުރާއިރު، ރަޝިއާއިން 178,958 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އިނގިރޭސިވިލާތުން 134,676 ފަތުރުވެރިންނާއި، އިޓަލީއިން 107,013 ފަތުރުވެރިންނާއި، ޖަރުމަނުން 103,342 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްއެމްއޭގެ ފަރާތުން ބުނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވައި، އޭގެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން 2025 ވަނަ އަހަރު ފަތުރުވެރިންގެ އަދަދު އިތުރަށް ކުރިއަރާނެކަމަށެވެ. އެގޮތުން އަންނަ އަހަރު 2.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމަށް އެ އިދާރާއިން އަންދާޒާކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މިއަހަރުގެ އަމާޒާ އަޅާބަލާއިރު 100,000 ފަތުރުވެރިންގެ އިތުރުވުމެކެވެ.
ކޮމެންޓު ފޮނުވާ