ވައްކަމުގެ މައްސަލަތަކެއްގައި ކުރިން ވެސް ހައްޔަރުކުރެވިފައިވާ 26 އަހަރުގެ ޒުވާން އަންހެނަކު، އަލުން ވައްކަމާއި ހުއްދަނޫން ތަނަކަށް ވަނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މި އަންހެން މީހާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި، މިދިޔަ ޖުލައި މަހު ވެސް މި އަންހެން މީހާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވެއެވެ. އެ ވަގުތު އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ރިކޯޑުތަކުން ދައްކައެވެ.
ޖުލައި މަހު އޭނާ ހައްޔަރުކުރެވުނީ، މާލޭގައި ފުލުހުން ޕެޓްރޯލްކުރަމުން ދަނިކޮށް މަޖީދީ މަގު ސިޓީ ޝޫޒް ކައިރީގައި އޮތް ޕާކުތެރޭގައި ކަޅު ދަބަހަކާއި ކެމެރާ ލެންސް ދަބަހެއް އަޅައިގެން ހުރި ތަން ފެނިގެންނެވެ. އޭނާ އެ ދަބަސްތައް ފޮރުވަން އުޅެން ފެށުމުން، ފުލުހުން ސުވާލުކޮށް ބަލައިފާސްކުރިއިރު، ދަބަހުގެ އަރިމަތީ ބައިން ރޯލެކްސް ގަޑިއެއް ފެނުނުކަމަށް ފުލުހުން ބުނެއެވެ.
މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާ ބަލައިފާސްކުރުމުގައި، ކަޅު ދަބަހުގެ ތެރެއިން ރޯލެކްސް ގަޑިއެއް، އެޕަލް އައިފޯން އެކްސް، ދެ ސޭންޑިސްކް އެކްސްޓާނަލް ހާޑް، ހީޓު ސިނގިރެޓެއް، މެގްނެޓިކް ކާޑު ހޯލްޑަރެއް، ހަތަރު ޗާޖަރު އަދި ޕަވަރބޭންކެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. ކެމެރާ ލެންސް ދަބަހުގައި ނިކޯން ބްރޭންޑުގެ އަގުބޮޑު ލެންސެއް ވެސް އޮތް ކަމަށް ފުލުހުން ބުނެއެވެ.
ކުށުގެ ރިކޯޑެއް އޮތް މި އަންހެން މީހާ، އޭނާގެ އަތުން ފެނުނު ތަކެތިތަކަކީ އެހެން މީހުންގެ މުދާ ކަމަށް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ފަހަރު ވެސް އޭނާގެ މައްޗަށް ވައްކަމުގެ އިތުރުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ، ރައްޔިތުން އެފަދަ ކަންކަމަށް ސަމާލުވެ، މުދަލާއި ގޭގެ ސަލާމަތް ކަށަވަރުކުރުމަށް ނަސޭހަތްތެރިވަމުންނެވެ. ގޭގެ ދޮރުފަތް ރަނގަޅަށް ތަޅުލުމާއި، އަގުބޮޑު ތަކެތި ރައްކާތެރި ތަންތާނގައި ބެހެއްޓުމަށާއި، ނޭނގޭ މީހުންނަށް ގެއަށް ވަންނަ ފުރުޞަތު ނުދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ކޮމެންޓު ފޮނުވާ