މަޖިލީހުގެ މެމްބަރުންގެ ވީއައިޕީ ލައުންޖް ޚަރަދަށް 1.4 މިލިއަން ރުފިޔާ ޚަރަދުވި

މަޖިލީހުގެ މެމްބަރުންގެ ވީއައިޕީ ލައުންޖް ޚަރަދަށް 1.4 މިލިއަން ރުފިޔާ ޚަރަދުވި

Author
ޙަސަން މުޙައްމަދު
04 ސެޕްޓެމްބަރ 2025 01:32
0

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރު ފެށުނީއްސުރެ މިހާތަނަށް، މަޖިލީހުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ބޭނުންކުރުމަށް މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން ފާހަގަކުރެވިއްޖެއެވެ.

މި މަޢުލޫމާތު ފެންނަން އައީ، އާންމު ފަރާތަކުން އާރުޓީއައި މެދުވެރިކޮށް މެމްބަރުންގެ ވީއައިޕީ ލައުންޖް ޚަރަދުތަކުގެ ތަފްސީލު ހޯދުމަށް އެދުމުން، މަޖިލީހުން ހާމަކުރި ރިޕޯޓުގައެވެ. މި ރިޕޯޓުން ދައްކާގޮތުގައި، މަޖިލީހުގެ ބައެއް މެމްބަރުން ވީއައިޕީ ލައުންޖް ގިނައިން ބޭނުންކުރައްވާއިރު، އެހެން ބައެއް މެމްބަރުން އެ ޚިދުމަތް އެއްގޮތަކަށްވެސް ބޭނުންނުކުރައްވާކަން ފާހަގަކުރެވެއެވެ.

ހާމަވި ތަފްސީލުތަކުން ދައްކާގޮތުގައި، ވީއައިޕީ ލައުންޖަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމެވެ. މިދިޔަ ޖުލައި 31 ވަނަ ދުވަހާ ހަމައަށް ނާޒިމް ކުރެއްވި 133 ދަތުރުގައި ވީއައިޕީ ލައުންޖް ބޭނުންކުރެއްވުމަށް މަޖިލީހުގެ ބަޖެޓުން 116,099.18 ރުފިޔާ ޚަރަދުވެފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ވީއައިޕީ ލައުންޖް ބޭނުންކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ. އޭނާ ކުރެއްވި 97 ދަތުރުގައި ވީއައިޕީ ލައުންޖް ބޭނުންކުރެއްވުމަށް 84,673.84 ރުފިޔާ މަޖިލީހުގެ ބަޖެޓުން ޚަރަދުވެފައިވާކަން ތަފްސީލުތަކުން އެނގެއެވެ. އަދި ތިންވަނައަށް ގިނައިން ބޭނުންކުރެއްވީ، ނަންދޫރު ވިޔަފާރިވެރިޔާ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ. ސިޔާމް ކުރެއްވި 78 ދަތުރުގައި ވީއައިޕީ ލައުންޖް ބޭނުންކުރެއްވުމަށް 68,088.24 ރުފިޔާ މަޖިލީހުން ޚަރަދުކޮށްފައިވެއެވެ.

ބައެއް މެމްބަރުންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެއްވުމަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާއިރު، ލައްކައަކަށްވުރެ މަދު ޢަދަދެއް ޚަރަދުކުރެއްވި މެމްބަރުންވެސް ތިއްބެވެއެވެ. އަދި ވީއައިޕީ ލައުންޖް އެއްގޮތަކަށްވެސް ބޭނުންނުކުރައްވާ މެމްބަރުންވެސް ތިއްބެވިކަން ފާހަގަކުރެވެއެވެ. މީގެއިތުރުން ބައެއް މެމްބަރުން ވީއައިޕީ ލައުންޖް ބޭނުންކުރެއްވުމަށްފަހު، ދަތުރުފުޅު ކުރެއްވުމުގެ ކުރިން އަމިއްލައަށް ފައިސާ ދައްކަވާކަންވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ޚިދުމަތް މަޖިލީހުގެ މެމްބަރުންނާއި، މެމްބަރުންގެ ޢާއިލާތަކަށްވެސް ލިބިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.