ރައްޔިތުންގެ މަޖިލީހަށް މާލީ ބަޔާން ހުށަހަޅައިފައި ނުވާ ފަސް މެންބަރުންނާ މެދު ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ އިދާރާއިން މިއަދު ނިންމައިފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅައިފައި ނުވަނީ ވެރިކަން ކުރާ ޕީއެންސީގެ ހަތަރު މެންބަރުންނާއި އެމްއެންޕީގެ އެއް މެންބަރެކެވެ.
މާލީ ބަޔާން ހުށަހަޅައިފައި ނުވާ މެންބަރުންގެ ގޮތުގައި މަޖިލީހުން ފާހަގަކޮށްފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން ހަބީބެވެ.
މަޖިލީހުގެ އިދާރާއިން ވިދާޅުވީ މި މެންބަރުންނާ މެދު ގަވާއިދުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުން މާލީ ބަޔާން ތައްޔާރު ކުރަންޖެހެނީ ހިނގަމުންދާ އަހަރުގެ މޭ 28 އިން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މޭ 27 އާ ދެމެދުގެ މުއްދަތަށެވެ. މި ބަޔާން އަމީން އާންމަށް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އޮގަސްޓު 31 އެވެ.
ގަވާއިދުގެ ދަށުން މާލީ ބަޔާން ސުންގަޑިއަށް ހުށަނާޅާ މެންބަރުންނަށް ފުރަތަމަ އިތުރު 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ލިޔުމުން އެންގުން ލާޒިމު ކުރެއެވެ. މި މުއްދަތުގައިވެސް ބަޔާން ހުށަނާޅައިފިނަމަ، އެ މެންބަރެއްގެ ނަން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރުމާއެކު، މާލީ ބަޔާން ހުށަހަޅަންދެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުން މަނާ ކުރެވޭނެއެވެ. މީގެ އިތުރުން، ބަޔާން ހުށަހަޅަންދެން ކޮންމެ ދުވަހަކަށް ޖެހޭވަރު މެންބަރުގެ މުސާރައިން ކެނޑޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ.
މި މައްސަލަ މީޑިއާތަކުން އިއްޔެ ފެތުރުމާ ގުޅިގެން، މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނޭ އިސްމާއީލް ނިޒާރު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައި، މީޑިއާ ކޮންޓްރޯލް ބިލު އަވަސް ކުރުމަށް ރޭ ގޮވާލައްވައިފައެވެ. މި ބިލަކީ މީޑިއާތަކުގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމަށް ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ބިލެކެވެ.
ކޮމެންޓު ފޮނުވާ