ހުޅުމާލޭ ސިޓީ ހޮޓެލް 20 މިލިއަން ޑޮލަރަށް އެޗްޑީސީއަށް ބަދަލުކޮށްފި

ހުޅުމާލޭ ސިޓީ ހޮޓެލް 20 މިލިއަން ޑޮލަރަށް އެޗްޑީސީއަށް ބަދަލުކޮށްފި

Author
ޙަސަން މުޙައްމަދު
04 ސެޕްޓެމްބަރ 2025 01:29
0

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްޤީކުރަމުން އައި ސިޓީ ހޮޓެލް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް 20 މިލިއަން ޔޫއެސް ޑޮލަރަށް ވިއްކާލުމުގެ މުޢާމަލާތް ފުރިހަމަކޮށްފިއެވެ.

ހުސްވި އޮގަސްޓް 31 ގައި އެސްޓީއޯއާ އެޗްޑީސީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ހޮޓެލްގެ ބަދަލުގައި އެސްޓީއޯއަށް ލިބޭނީ ހުޅުމާލޭ ފޭސް 2 ގައި ހުންނަ ބިމެކެވެ. މި މުޢާމަލާތާ ގުޅޭ މާލީ ބަދަލުތަކުގެ ތަފްސީލު 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމަނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޮންޓިނުއަސް ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒް ރެގިއުލޭޝަންގެ ދަށުން މި މަޢުލޫމާތު އާންމުކުރަން ޖެހޭތީ، މިކަން އިޢުލާނުކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ އެންމެފަހު އަހަރީ އާންމު ޖަލްސާގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި، ސިޓީ ހޮޓެލްގެ ބަދަލުގައި ހުޅުމާލެއިން 40،000 އަކަފޫޓުގެ ބިމެއް ލިބޭނެކަމަށް ހަމަޖެހިފައިވެއެވެ.

އެޗްޑީސީން ހޮޓެލް ތަރައްޤީކުރުމުގެ މަސައްކަތް ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން އުފެއްދި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިހާރު ވަނީ ހަވާލުކޮށްފައެވެ. "މަންހަޓަން ގްރޭންޑް" ގެ ނަމުގައި ހިންގާނެ މި ހޮޓެލްގެ މަސައްކަތް، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފަސްތަރީގެ މި ހޮޓެލް ނިމުމުން، 158 ކޮޓަރީގެ އިތުރުން ބެންކުއެޓް ހޯލެއް، މަލްޓި ޕަރޕަސް ހޯލެއް، ސްވިމިންގ ޕޫލެއް، ބައިނަލްއަޤްވާމީ ފެންވަރުގެ 4 ކެއުމާ ބުއިމުގެ ބްރޭންޑެއް، ޖިމެއް އަދި ސްޕާ ޚިދުމަތްތައްވެސް ލިބޭނެއެވެ. މީގެ އިތުރުން ސިޓީ ހޮޓެލަކުން ލިބޭ އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދޭނެކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅާލެވޭ މުހިންމު ހޮޓެލަކަށް މި ތަން ވެގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ. ހޮޓެލް ހުޅުވާއިރު ބައިނަލްއަޤްވާމީ 12 އެއާލައިނަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހެދުމަށްވެސް ރާވާފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓެލެއް އެޅުމުގެ މަޝްރޫޢު 2007 ވަނަ އަހަރު ފެށުނު ނަމަވެސް، ތަފާތު ކޮންޓްރެކްޓަރުންނާ ހަވާލުކުރިއިރުވެސް މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައި އޮތެވެ. 2024 ވަނަ އަހަރު އެސްޓީއޯއިން މި ހޮޓެލް އެޗްޑީސީއާ ހަވާލުކުރުމަށް ނިންމި ނިންމުމާއެކު، މިހާރު މި މަޝްރޫޢަށް އައު ދިރުމެއް ލިބި، އަވަހަށް ނިމުމުގެ މަގުމަތީގައި ކުރިއަށް ދާން ފަށާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.