ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި އެސްޑީއެފްސީގެ އެމްޑީއަކަށް ބަދުރުއްދީން ހަސަން

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި އެސްޑީއެފްސީގެ އެމްޑީއަކަށް ބަދުރުއްދީން ހަސަން

Author
ޙަސަން މުޙައްމަދު
03 ސެޕްޓެމްބަރ 2025 06:48
0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމަށް ބަދުރުއްދީން ހަސަން ހަމަޖައްސައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގެ މަގާމުގައެވެ.

އެސްޑީއެފްސީގެ މާލީ ހާލަތު ހަރުދަނާކޮށް، ވިޔަފާރިތަކަށް ދޭންޖެހޭ ލޯނުތައް ހުއްޓުމަކާ ނުލައި ފޯރުކޮށްދިނުމުގެ މަގްސަދުގައި، ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމުމާ ގުޅިގެން މިހާރު އެސްޑީއެފްސީ ހިނގަމުންދަނީ ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައެވެ.

ޑިޖިޓަލް ބޭންކެއްގެ ގޮތުގައި ހިންގާނެ އެސްޑީއެފްސީގެ އައު ސްޓްރެޓެޖީގެ ތެރޭގައި ހިމެނެނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްލާމިކް ފައިނޭންސިން ޚިދުމަތްތައް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކަށާއި، އަންހެނުން ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިންނާއި ދަނޑުވެރިންނަށާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސް ވިޔަފާރިތަކަށް ޚާއްސަކޮށްގެން ފައިނޭންސް ޚިދުމަތްތައް ތަޢާރަފުކުރުމަށް ރާވާފައިވެއެވެ.

ބީއެމްއެލްގެ ގާބިލުކަމާއި، ފުޅާ ނެޓްވޯކާއި، ޑިޖިޓަލް ބޭންކިން ދާއިރާގައި ލިބިފައިވާ ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގެ އެމްއެސްއެމްއީ ބޭންކިންގ އަށް ޑިޖިޓަލް ބަދަލުތައް ގެނައުމާއި، ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމާއި، ދިވެހި އިގުތިސާދު ފުދުންތެރިކުރުމަށް މަސައްކަތްކުރާނެކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.

އެސްޑީއެފްސީގެ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި 500 މިލިއަން ރުފިޔާގެ ލޯނު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ބީއެމްއެލްއިން ވަނީ އަމާޒުހިފާފައެވެ. މީގެ އިތުރުން މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) ގެ ދަށުން، މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރިތަކުގެ ކުރިއެރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.