މިދިޔަ އޮގަސްޓް މަހު ރާއްޖެއަށް 192,058 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 9 ޕަސެންޓްގެ އިތުރުވުމެކެވެ. އެ އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 176,175 ފަތުރުވެރިންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ އަށް މަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1.36 މިލިއަން ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރުގެ ފަތުރުވެރިންގެ އަދަދު 9.4 ޕަސެންޓް އިތުރުވެފައިވާ ކަން ފާހަގަކުރެވެއެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޗައިނާ އެންމެ ކުރީގައި އޮތްއިރު، އެ ގައުމުން 235,725 ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް ގިނައީ ރަޝިއާއިން ކަމަށްވާއިރު 178,269 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތުން 134,376 ފަތުރުވެރިން އައިސްފައިވާއިރު، އިޓަލީއިން 106,855 ފަތުރުވެރިންނާއި ޖަރުމަނުން 102,932 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އިންޑިއާއިން 85,360 ފަތުރުވެރިން އައިސްފައިވާއިރު، އެމެރިކާއިން 43,679 ފަތުރުވެރިން، ފްރާންސުން 41,053 ފަތުރުވެރިން، ސްޕެއިނުން 34,397 ފަތުރުވެރިންނާއި އޮސްޓްރޭލިއާއިން 27,249 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ 1,254 ތަނެއް ހިންގަމުން ގެންދާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި 174 ރިސޯޓާއި، 903 ގެސްޓްހައުސް، 161 ސަފާރީ އުޅަނދާއި 16 ހޮޓަލް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ. މި އަދަދުތަކުން ދައްކާގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުން އަންނަ ކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ