ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެޗްޑީސީން ހުޅުވި ވިނަރެސް ޓަވަރު 6 ގައި ހުންނަ ކަސްޓަމަރ ކެއާ އޮފީހުން ބިލުތައް ބަލައިގަންނަން ފަށައިފިއެވެ.
މި އޮފީސް ހުޅުވާފައިވަނީ މިދިޔަ މެއި މަހުގައި ކަމަށާއި، މިހާރު މި އޮފީހުން ވަރަށް ގިނަ ޚިދުމަތްތައް ލިބެން ފަށާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ. އޭގެ ތެރޭގައި އެކިއެކި އެޕްލިކޭޝަންތައް ހުށަހެޅުމާއި، ފައިސާ ދެއްކުމާއި، މަޢުލޫމާތު ސާފުކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.
ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހު ހެނދުނު 9:00 އިން މެންދުރު 2:00 އާ ދެމެދު އެ އޮފީހުން ޚިދުމަތް ލިބޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.
އެޗްޑީސީން ކުރިން ހިންގަމުން ގެންދިޔަ ހިޔާ ޓަވަރުގެ އޮފީސް ދާއިމީ ގޮތެއްގައި ބަންދުކުރުމާ ގުޅިގެން، އެތަނުން ފޯރުކޮށްދެމުން އައި އެންމެހައި ޚިދުމަތްތައް މިހާރު ވަނީ ވިނަރެސް އޮފީހަށް ބަދަލުކޮށްފައެވެ. މިއީ އެޗްޑީސީން ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ނެގި ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ