ސިނަމާލެ ބުރިޖަށް 7 އަހަރު، ބުރިޖަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ފުރިހަމަ ހެއްކެއް: ރައީސް

ސިނަމާލެ ބުރިޖަށް 7 އަހަރު، ބުރިޖަކީ ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ފުރިހަމަ ހެއްކެއް: ރައީސް

Author
ހުސައިން
30 އޮގަސްޓް 2025 12:43
0

މާލެއާއި ހުޅުމާލެ ގުޅާލާދޭ ސިނަމާލެ ބްރިޖް ހުޅުވުނުތާ މިއަދު ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ބްރިޖަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެއްބައިވަންތަކަމާއި ގާތް ގުޅުމުގެ ފަޚުރުވެރި ހެއްކެއް ކަމަށް ވިދާޅުވެއްޖެއެވެ.

ބްރިޖް ހުޅުވި އިރު ހައުސިންގ މިނިސްޓަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރެއްވި ރައީސް މުއިއްޒު، މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އާ ދޮރެއް ހުޅުވިގެން ދިޔަ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި ބްރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ދެމެހެއްޓެނިވި ގުޅުމުގެ ރަމްޒެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުން މަޝްހޫރު މި ބްރިޖަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގުނު ރާއްޖޭގެ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއެވެ. މި މަޝްރޫއަށް ޖުމްލަ 200 މިލިއަން ޑޮލަރު ހަރަދުވެފައިވާ އިރު، އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ދިން ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރު ދީފައިވަނީ ލޯނެއްގެ ގޮތުގައި ކަމަށާއި، ބާކީ 12 މިލިއަން ޑޮލަރު ހަރަދުކޮށްފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަމަށް މަޢުލޫމާތު ލިބެއެވެ.

2018 ވަނަ އަހަރު އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުނު މި ބްރިޖަކީ، މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމާއި، ހުޅުމާލޭގެ ތަރައްޤީ އަވަސްކުރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބްރިޖެކެވެ. 2.1 ކިލޯމީޓަރުގެ ދިގުމިނުގައި ބިނާކުރެވިފައިވާ މި ބްރިޖުން ދުވާލަކު ހާސްތަކުން ގިނަ މީހުންނާއި އުޅަނދުފަހަރު ދަތުރުކުރަމުން ދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.