ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވި ޖެފްރީ އެޕްސްޓީންގެ އީމެއިލްތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ފެތުރިފައިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސަކާ ބައްދަލުކުރުމުގެ ވާހަކަ ހިމެނޭކަން ހާމަވެއްޖެއެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރާކާ އެޕްސްޓީން ކުރި މުއާމަލާތުގެ ތެރޭގައި 2014 ވަނަ އަހަރުގެ އޭޕްރީލް 28 ގައި ފޮނުވާފައިވާ އީމެއިލެއްގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސަކާ ބައްދަލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެޕްސްޓީން ލިޔެފައިވެއެވެ. ނަމަވެސް އެ އީމެއިލްގައި ރައީސްގެ ނަން ސީދާ ބަޔާންކޮށްފައެއް ނުވެއެވެ.
ޓެލެގްރާމްގައި މީގެ ދެ ދުވަސް ކުރިން ލީކުވި އިހޫދު ބަރާކްގެ އީމެއިލްތަކުގައި، 2007 އިން 2016 އާ ދެމެދު ކޮށްފައިވާ އެއްލައްކަށް ވުރެ ގިނަ މުއާމަލާތްތައް ހިމެނެއެވެ. މި އީމެއިލްތައް ލީކުކުރީ އީރާންގެ އިންޓެލިޖެންސް ޚިދުމަތްތަކާ ގުޅުންހުރި ހެކަރުންގެ ގްރޫޕަކުން ކަމަށް ބެލެވެއެވެ.
އެޕްސްޓީންގެ އީމެއިލްގައި ވަކި ރައީސެއްގެ ނަން ނެތްނަމަވެސް، 2014 ގެ އޭޕްރީލް މަހާ ހަމައަށް ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ތިން ބޭފުޅުން ތިއްބެވިއެވެ. އެއީ މައުމޫން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދާއި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. މި ތިން ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކާ އެޕްސްޓީންއާ ގުޅުމެއް އޮތްކަން މީގެ ކުރިން ހާމަވެފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ފެތުރޭ މައުލޫމާތުތަކުން ދައްކާ ގޮތުން، އެ ތާރީހުގައި މައުމޫން އަބްދުލްގައްޔޫމް ހުންނެވީ ސްރީ ލަންކާގައި ކަމަށާއި، މުހައްމަދު ނަޝީދު ހުންނެވީ ރާއްޖޭގައި ކަމަށް ބެލެވެއެވެ. މި ކަމާ ގުޅޭ ގޮތުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ނަޝީދު ރީޕޯސްޓް ކުރައްވާފައިވާ ކަމަށް ވެސް ފާހަގަކުރެވެއެވެ.
ޖެފްރީ އެޕްސްޓީންއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުދިންގެ ނުރައްކާތެރި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ ތުހުމަތުތަކުގައި 2005 ވަނަ އަހަރު ތަހުގީގުތައް ފެށުނު މީހެކެވެ. 2008 ގައި އޭނާގެ މައްޗަށް 18 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވުނު ނަމަވެސް، 13 މަސްދުވަހަށްފަހު މިނިވަންވިއެވެ.
2019 ވަނަ އަހަރު އަލުން ހައްޔަރުކުރެވުނު އެޕްސްޓީން، އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމަށްފަހު، އޯގަސްޓް 10 ވަނަ ދުވަހު ޖަލުގައި މަރުވެފައި އޮތް ހާލުގައި ފެނުނެވެ. އޭނާގެ މަރުގެ ސަބަބާ ގުޅޭ ގޮތުން އެތައް ސުވާލުތަކެއް މިއަދާ ހަމައަށް ވެސް އުފެދެމުން އަންނަ ކަމަށް ރިޕޯޓްތަކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ