ތައިލެންޑުގެ ދުސްތޫރީ ކޯޓުން ހުކުރު ދުވަހު ނިންމާފައިވަނީ، އެ ޤައުމުގެ ބޮޑުވަޒީރު ޕައެޓޯންގްޓަރން ޝިނަވަތްރާ މަޤާމުން ވަކިކުރުމަށެވެ. މި ނިންމުން އައީ ކެމްބޯޑިއާގެ ކުރީގެ ވެރިޔާ ހުން ސެންއާ ކުރި ފޯނު މުޢާމަލާތެއްގައި އަޚްލާޤީ މިންގަނޑުތައް ނިގުޅައިގަތް ކަމަށް ބުނެ، އޭނާގެ މައްޗަށް ކުރި ދަޢުވާއެއް ސާބިތުވުމުންނެވެ.
39 އަހަރުގެ ޕައެޓޯންގްޓަރންއަކީ 2008 ވަނަ އަހަރުން ފެށިގެން ތައިލެންޑުގެ ފަނޑިޔާރުންގެ ޙުކުމަކުން މަޤާމުން ދުރުކުރެވުނު ފަސްވަނަ ބޮޑުވަޒީރެވެ. ކޯޓުގެ 9 ފަނޑިޔާރުން ނިންމީ، ޖޫން މަހު ހުން ސެންއާ ދެއްކި ވާހަކައިގައި ބޮޑުވަޒީރެއްގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ ސިފަތައް ބޮޑަށް ގެއްލިފައިވާ ކަމަށެވެ.
ފޯނު މުޢާމަލާތުގައި ޕައެޓޯންގްޓަރން، ހުން ސެންއަށް "ބޮޑުބޭބެ" މި ނަމުން މުޚާޠަބުކުރި ކަން ފާހަގަކުރެވިފައިވެއެވެ. މި މުޢާމަލާތުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވީ ސަރަޙައްދީ ހަނގުރާމައެއް ފެށުމުގެ ނުރައްކާ ކުޑަކުރުމާ ބެހޭގޮތުންނެވެ. ނަމަވެސް ކޯޓުން ދެކޭގޮތުގައި، ޕައެޓޯންގްޓަރން އަމިއްލަ މަޞްލަޙަތު ޤައުމީ މަޞްލަޙަތަށްވުރެ އިސްކޮށް، ޤައުމުގެ ޤަދަރު ގެއްލޭފަދަ ގޮތަކަށް ޢަމަލުކޮށްފައިވެއެވެ.
ތައިލެންޑުގެ އިސް ސިފައިންގެ ވެރިއަކު މި މައްސަލައާ ގުޅިގެން ޕައެޓޯންގްޓަރންއަށް ބޮޑަށް ފާޑުކިޔައި، އޭނާއަކީ "ދެކޮޅުވެރިއެއް" ކަމަށް ވިދާޅުވިއެވެ. ޖުލައި 1 ގައި ކޯޓުން އޭނާ ވަގުތީގޮތުން މަޤާމުން ދުރުކޮށްފައިވަނީ މައްސަލައިގެ އެންމެ ފަހުގެ ޙުކުމް އިއްވަންދެންނެވެ.
މި ސަރަޙައްދީ ޚިލާފަކީ ފަހުން ހަތިޔާރުއެޅި ހަމަނުޖެހުންތަކަކަށް ބަދަލުވި މައްސަލައެކެވެ. ދެ ޤައުމުގެ ސަރަޙައްދުގައި ގިނަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ފިލައިގެން ދިޔުމަށް މަޖުބޫރުވިއެވެ. އެހެންނަމަވެސް މެލޭޝިއާގެ މެދުވެރިކަމާއެކު ޖުލައި 29 ގައި ދެ ޤައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ.
ޙުކުމް އިއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޕައެޓޯންގްޓަރން ވިދާޅުވީ، އޭނާ ކުރި މަސައްކަތަކީ ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ކުރި މަސައްކަތެއް ކަމަށެވެ. މި ޙުކުމުގެ ސަބަބުން ތައިލެންޑުގައި ދިގު މުއްދަތަކަށް ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތައް އިތުރަށް ބޮޑުވެ، އަވަސް އިންތިޚާބަކަށް މަގުފަހިވެދާނެ ކަމަށް ސިޔާސީ ވިލުންވެރިން ދެކެއެވެ.
ކޮމެންޓު ފޮނުވާ